ބޮލީވުޑުގެ އެކްޓަރު ސަލްމާން ޚާންގެ ފިލްމެއް ރިލީޒް ކުރާ ދުވަހު، ކަރަން ޖޯހަރުގެ ފިލްމެއް ރިލީޒް ނުކުރާނެ ކަމަށް އޭނާ ބުނެފި އެވެ.

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ރިތިކް ރޯޝަންގެ 'ކާބިލް' އަދި ޝާހް ރުކް ޚާންގެ 'ރައީސް' ރިލީޒް ކުރީ އެއްދުވަހަކާ އެވެ. ބޮކްސް އޮފީހުގައި ކުރީގައި އުޅެނީ ރައީސް އެވެ. ނަމަވެސް ދެ ފިލްމު ވަކި ތާރީޚެއްގައި ރިލީޒް ކުރި ނަމަ، ދެ ފިލްމު އިތުރަށް ކާމިޔާބު ވާނެ ކަމަށް ބެލެވެ އެވެ.

'ރައީސް' ރިލީޒް ކުރަން ފުރަތަމަ ހަމަޖެއްސީ މިދިޔަ އަހަރުގެ އީދު ދުވަހު އެވެ. ނަމަވެސް އެ ދުވަހު ސަލްމާން ޚާންގެ 'ސުލްތާން' ރިލީޒް ކުރާތީ، ރައީސް ރިލީޒް ކުރުން ވަނީ ފަސްކޮށްފަ އެވެ.

'ރައީސް' ރިލީޒް ކުރުން ފަސްކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނީ، އޭނާ ވެސް ކަންތައް ކުރާނީ އެގޮތަށް ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން އީދު ބަންދުގައި އަހަރެންގެ އެއްވެސް ފިލްމެއް ރިލީޒް ކުރާކަށް. އެއީ ސަލްމާން ޚާންގެ ފިލްމުތަކަށް ޚާއްސަ ދުވަސްކޮޅެއް،" ކަރަން ބުންޏެވެ.

ކަރަން ބުނީ ފިލްމު އުފެއްދުމަކީ ފައިސާ ހޯދަން ކުރާ މަސައްކަތަކަށް ވާއިރު، ފިލްމެއް ރިލީޒް ކުރުމުގެ ކުރިން، އެ ދުވަހު އެހެން ފިލްމެއް ރިލީޒް ކުރޭތޯ އާއި އަދި ކުރާ ނަމަ އެއީ ކާކުގެ ފިލްމެއް ކަން ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ ކަމަށެވެ.

"އަދި އޭގެ ފަހުން ފިލްމު ރިލީޒް ކުރާނީ ކޮން ބައެއްތޯ ބެލުމަށް ފަހު ރަނގަޅު ތާރީޚެއް ނިންމަން ވާނީ،" ކަރަން ބުނެފައިވެ އެވެ.

އީދު ކަހަލަ މުނާސަބަތުތަކާ ގުޅުވައިގެން ފިލްމު ރިލީޒް ކުރުމަކީ ފައިދާ ބޮޑު ކަމެއް ކަމަށް ބޮލީވުޑް އިން ދެކެ އެވެ. މިހާރު އީދު ބަންދު ހާއްސަ ވަނީ ސަލްމާންގެ ފިލްމުތަކަށެވެ. ދިވާލީ ޝާހުގެ ފިލްމުތަކަށް ޚާއްސަވާ އިރު ކްރިސްމަސް ޚާއްސަ ވަނީ އާމިރު ޚާންގެ ފިލްމުތަކަށެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް ރިތިކްގެ 'މޮހެންޖޯ ދާރޯ' އަދި އަކްޝޭ ކުމާރުގެ 'ރުސްތަމް' ރިލީޒް ކުރީ އެއް ދުވަހަކާ އެވެ. އަދި ކަރަންގެ 'އޭ ދިލް ހޭ މުޝްކިލް' ރިލީޒް ކޮށްފައި ވަނީ ވެސް އަޖޭ ދޭވްގަންގެ 'ޝިވާއޭ' އާ އެކުގަ އެވެ.

ކަރަން ބުނީ ފިލްމު ރިލީޒް ކުރާނެ ރަނގަޅު ތާރީހެއް ހޯދުމަކީ މިހާރު ވަރަށް ބޮޑު ޗެލެންޖަކަށް ވެފައިވާ ކަމަށެވެ.

އަންނަ މާޗު މަހު އާލިއާ ބަޓް އަދި ވަރުން ދަވާން އެކުގައި ފެނިގެންދާ ފިލްމު 'ބަދްރީނާތު ކީ ދުލްހަނިއާ' ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އިރު، އެ ތާރީހުގައި އެހެން ފިލްމެއް ރިލީޒް ކުރުމަށް ހަމަޖެހިފަ އެއް ނުވެ އެވެ. ބަދްރީނާތު ކީ ދުލްހަނިއާ އަކީ ކަރަންގެ ފިލްމެކެވެ.