05 Feb 2017, 01:27
އިނގިރޭސި ޕްރިމިއާ ލީގުގައި ރެލިގޭޝަންގެ ބިރާ ކުރިމަތިލަމުންދާ ހަލް ސިޓީން ލިވަޕޫލް ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި މިރޭ ކުޅުނު ލީގު މެޗުގައި ލިވަޕޫލްގެ މައްޗަށް ހަލްއިން ކުރި ހޯދާފައިވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ވެސް ހަލްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ ދިހަވަނަ އެވާންޑޯ ދިން ބޯޅައަކުން އަލްފްރެޑް އެންޑިޔާ އުފެއްދި އެ ހަމަލާ، ލިވަޕޫލްގެ ގޯލްކީޕަރު ސިމޮން މިގްނޮލޭ ވަނީ ފަސޭހަކަމާއެކު ހޯދައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ހަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހަލް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ހަލްއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ހަލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ސެނެގޯލް މިޑްފީލްޑަރު އެންޑިއާޔޭއެވެ. އެ ލަނޑަކީ ޖެނުއަރީ ޓްރާންސްފާގެ އެންމެ ފަހު ދުވަހު ލޯނުގެ ދަށުން ވިޔަރެއާލްއިން ގުޅުނު އެންޑިއާޔޭ ހަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އަދި ރޭގެ މެޗަކީ އޭނާ އެޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ހަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ހަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ހަލްގެ އުރުގުއާއީ ފޯވަޑް އެބެލް ހެނާންޑޭޒްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ހަލްއިން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި އަންދްރޭ ރޮނަޗިއާ ދިން ބޯޅައަކުން ހަލްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް އޫމަރް ނިއާސޭއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާއި ހަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ހަލް މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ހަލްއިން ދެލަނޑުގެ ލީޑެއް ނެގުމާއެކު ފަހު ފަސް މިނެޓްތެރޭ ލިވަޕޫލްގެ ކުޅުން ވަރުގަދަކޮށް ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންއާއި ޑެނިއެލް ސްޓަރިޖްއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ.
ލިވަޕޫލް މިވަގުތު އޮތީ ޕްރިމިއާ ލީގު ތާވަލުގެ ހަތަރުވަނައިގައި 46 ޕޮއިންޓާއެކުއެވެ. ފަސްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ވެސް ލިބިފައިވަނީ 46 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ލިވަޕޫލް ކުރީގައި އޮތްއިރު، ލިވަޕޫލް ވަނީ ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ. ލިވަޕޫލް އަތުން މޮޅުވި ހަލް އޮތީ 20 ޕޮއިންޓާއެކު ތާވަލުގެ 18 ވަނައިގައެވެ.