ވޮޝިންގްޓަން (އޭއެފްޕީ) - މުސްލިމް އަޣުލަބިއްޔަތެއް އޮންނަ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާކޮށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނެރުއްވި ރިޔާސީ ގަރާރަށް އަމަލު ކުރުން ހުއްޓާލުމަށް އެމެރިކާގެ ކޯޓަކުން ރޭ ކުރި އަމުރަށް ތަބާވާން އެމެރިކާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމައިފިއެވެ.

ޓްރަމްޕުގެ އަމުރަކީ ދީނީ ތަފާތު ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ އަމުރަކަށް ވުމުން އެއީ ގާނޫނު އަސާސީއާ ޚިލާފު އަމުރެއް ކަމަށް ބުނެ ވޮޝިންޓަން ސްޓޭޓާއި މިނިސޯޓާ އިން ހުށަހެޅި މައްސަލައަށް ބައްލަވާ އެ ގަރާރަށް އަމަލު ކުރުން ހުއްޓާލަން އަމުރު ނެރުއްވީ ފެޑެރަލް ޖަޖް ޖޭމްސް ރޮބާޓް ޓްރަމްޕެވެ.

އަދި އެ އަމުރު ހުއްޓުމަކަށް ގެނައުމަށް ނިންމެވީ ރިޔާސީ އަމުރާ ދެކޮޅު ހެދުމުގެ ބާރު ސްޓޭޓުތަކަށް ލިބިގެން ނުވާ ކަމަށް ސަރުކާރުގެ ވަކީލުން ވިދާޅުވަމުން ދަނިކޮށެވެ. އަދި އަމުރު ނެރުނު ފެޑެރަލް ޖަޖަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، ބައެއް މުސްލިމް ގައުމުތަކުގެ މީހުން އެމެރިކާއަށް ވަނުން މަނާކޮށް، އެމީހުންގެ ވިސާ ކެންސަލްކުރުމަށް ނިންމި ނިންމުން އަނބުރާ ގެންނަން ނިންމާފައިވާ ކަމަށެވެ.

މިދިޔަ ޖަނަވަރީ މަހުގެ 27ގައި ޓްރަމްޕް ސޮއި ކުރެއްވި ރިޔާސީ އަމުރުގައި ހަތަރު މަސް ވަންދެން އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓުވައި އިރާގް، ސީރިއާ، އިރާން، ލީބިޔާ، ސޯމާލިއާ، ސޫދާން އަދި ޔަމަނުގެ ރައްޔިތުން އެމެރިކާއަށް ދިޔުން ތިން މަސް ދުވަސް ވަންދެން މަނާކުރިއެވެ.

އޭގެ އިތުރުން، ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާ އަށް ސީރިއާގެ ރެފިއުޖީން ދިޔުން މަނާކޮށް، މުސްތަގުބަލުގައި އެމެރިކާ އިން އިސްކަންދޭނީ ސީރިއާއިން އަންނަ ނަސާރާ ދީނުގެ ރެފިއުޖީންނަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނީ، ޓްރަމްޕުގެ ރިޔާސީ އަމުރާ ގުޅިގެން ވަކި ގޮތެއް އަންގަންދެން 60000 ފޮރިނާސްގެ ވިސާ ހިފަހައްޓާފައިވާ ކަމަށެވެ.