04 Feb 2017, 23:12
ލޯކަލް ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރަން މިރޭ ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފިއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލު ސަން އަށް ވިދާޅުވީ އެ ޖަލްސާ ފަސްކުރީ ކައުންސިލް އިންތިޚާބު ބާއްވާ ތާރީޚު އިލެކްޝަންސް ކޮމިޝަނުން ފަސްކުރުމުން ކަމަށެވެ.
މިރޭ އެ ޖަލްސާ ނުބޭއްވިކަމުގައި ވިޔަސް ޖަލްސާ ނުބާއްވަން ނިންމީ ނޫން ކަމަށާއި މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ކުރިން ވެސް ރޭވިގޮތަށް ޖަލްސާ ބާއްވާނެ ކަމަށެވެ.
އަންނަ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ކުރިން އިއުލާންކުރި ކައުންސިލް އިންތިޚާބު މިހާރު ވަނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ މިފަހަރު އިންތިޚާބު ފަސްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.
"ހޭވާއްލާ" ގެ ނަމުގައި ބާއްވާ އެ ޖަލްސާގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ 500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ބައިވެރިވާނެ ކަމަށް ޕީޕީއެމް އިން ބުންޏެވެ.