04 Feb 2017, 23:18
ދުނިޔޭގެ ކެންސަ ދުވަސް ފާހަގަކުރުމުގެ ގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ކެންސަ ސޮސައިޓީއަށް 30،000 ރުފިޔާ ހަދަޔާކޮށްފިއެވެ.
ކެންސަރަށް ދިވެހީން ހޭލުންތެރިކުރުމުގެ ގޮތުން "#ވީކޭންއައިކޭން ސަޕޯޓް ތުރޫ ސްޕޯރޓް" މި ޝިއާރުގެ ދަށުން މާލޭގައި މިއަދު ވަނީ ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ބީއެމްއެލްގެ ފަރާތުން އެންޑްރޫ(ކ) ފައިސާގެ ޗެކް ކެންސަ ސޮސައިޓީއާ ހަވާލުކޮށްދެއްވަނީ ---
ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުރިއަށް ގެންދިޔަ ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ ކެންސަ ސޮސައިޓީ ޗެއާޕާސަން ޖުވޭރިޔާ ސައީދުއާ 30،000 ރުފިޔާގެ ރަމްޒީ ޗެކް ހަވާލްކޮށްދެއްވާފައެވެ.
ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ހެންވޭރު ދަނޑުގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ކުޅިވަރު ފެސްޓިވަލްގައި ވާހަކަފުޅު ދައްކަވަމުން އެންޑްރޫ ވިދާޅުވީ ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެ އެހީ ފޯރުކޮށްދެވުމަކީ ބީއެމްއެލްއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެ ހަރަކާތްތަކުގެ ސަބަބުން އާންމުންނަށް ގިނަ މެސެޖްތަކެއް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ގުޅުން އިތުރަށް ބަދަހިކުރަމުން. އަދި ޚާއްސަކޮށް މިފަދަ މުހިންމު ދާއިރާއަކަށް އެހީ ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް." އެންޑްރޫ ވިދާޅުވިއެވެ.
ދުނިޔޭގެ ކެންސަ ދުވަސް ފާހަގަކުރުމުގެ ގޮތުން ނިއު އާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު އަފްރާހް
ނިއު އިން ކެންސަ ސޮސައިޓީއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވަނީ މިއަދު ހަވީރު ޓާފް އެއް ނަމްބަރު ސްޓޭޑިއަމް ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅުނު ރަހްމަތްތެރިކަމުގެ މެޗު ފެށުމުގެ ގޮތުންނެވެ. ނިއުގެ ފަރާތުން ކެންސަ ސޮސައިޓީއާ ފައިސާގެ އެހީ ހަވާލުކޮށްދެއްވީ އެ ކްލަބްގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދުއެވެ.
ދުނިޔޭގެ ކެންސަރު ދުވަސް ފާހަގަކުރުމުގެ ގޮތުން ނިއު އާއި އީގަލްސް ކުޅުނު މެޗު 1-0 ގެ ނަތީޖާ އަކުން އީގަލްސް ބަލިކޮށް ކާމިޔާބުކުރީ ނިއުއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމަ އެކަނި ގޯލު ދެވަނަ ހާފްގައި ނިއުއަށް ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބްކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.