26 Jun 2011, 14:47
ފަހަތުން އަރައި 4-2 އިން އެމެރިކާ ބަލިކޮށް ކޮންކަކާފް ގޯލްޑް ކަޕުގެ ތަށި މެކްސިކޯއިން އުފުލާލައި އެމެރިކާ ލަދުގަންނަވާލައިފި އެވެ.
އެމެރިކާގެ ރޯޒް ބޮވްލް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލްގައި، މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އެމެރިކާއިން އުފެއްދި އެވެ. އަދި މެޗްގެ ކުރީ ކޮޅު މެކްސިކޯކޮޅަށް ދެ ލަނޑު ޖަހައި ހިތްހަމަޖެހުން ވެސް ހޯދި އެވެ. އެމެރިކާގެ ފުރަތަމަ ލަނޑު މެޗްގެ 23 ވަނަ މިނެޓުގައި ޖެހީ މައިކަލް ބްރެޑްލީ އެވެ. އޭގެ 15 މިނެޓް ފަހުން ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ލެންޑަން ޑޮނަވަން އެވެ. ކެޕްޓަން ޑޮނަވަން އަކީ އެމެރިކާގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން އެއް ކުޅުން ތެރިޔާ އެވެ.
މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއްދެކި މެކްސިކޯއަށް ލޯ ހުޅުވައިލެވުނީ ވެސް އެމެރިކާއިން ދެ ލަނޑު ވައްދައިލިފަހުންނެވެ. އެމެރިކާގެ ދެ ލަނޑަށްފަހު މެކްސިކޯއިން ކުޅުން ރަނގަޅުކޮށް މެޗްގެ ފުރަތަމަ ހާފު ނިންމާފައި ފޭބީ ފަހަތުން އަރައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްގެނެވެ. އެގޮތުން މެޗްގެ 29 ވަނަ މިނެޓްގައި މެކްސިކޯގެ ފުރަތަމަ ލަނޑު ޕަބްލޯ ބަރޭރާ ކާމިޔާބުކޮށް އުންމީދު އާކޮށްދީފައި ވަނިކޮށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު މެޗްގެ 36 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަންރުސް ގުއަރްޑާޑޯ އެވެ.
ދެވަނަ ހާފުގެ ފުރަތަމަ ފަސް ވަނަ މިނެޓުގައި މެކްސިކޯއަށް ކުރިހޯދައި ދިނީވެސް ބަރޭރާ އެވެ. މެޗް ނިމެން 15 މިނެޓަށް ވެފައި ވަނިކޮށް މެކްސިކޯއަށް ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ޖިއޮވާނީ ޑޮސް ސަންޓޮސް އެވެ.
މިއީ 2000 ވަނަ އަހަރުގެ ފަހުން އެމެރިކާގެ ދަނޑުގައި މެކްސިކޯއިން ހޯދި ފުރަތަމަ ކާމިޔާބީއަށްވީއިރު، މި މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ ވެސް މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ މެކްސިކޯގެ ފޯވަޑް ހާވިއާ ހެނާންޑޭޒް އެވެ. މި މުބާރާތުގައި އޭނާ ވަނީ ހަތް ލަނޑު ކާމިޔާބުކޮށް، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ވެސް ހޯދައިފަ އެވެ.
މިމުބާރާތުގެ ޗެމްޕިއަން މެކްސިކޯ ހޯދުމުން 2013 ވަނަ އަހަރު ބްރެޒިލްގައި އޮންނަ ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ގާޖަ މެކްސިކޯއަށް ކަށަވަރުވީ އެވެ.