04 Feb 2017, 21:32
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ޗެލްސީން 12 ޕޮއިންޓްގެ ލީޑެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި މިއަދު ކުޅުނު ލީގު މެޗުގައި އާސެނަލް އަތުން ޗެލްސީ މޮޅުވެފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ މިނެޓުގައި އާސެނަލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޗެލްސީގެ ކީޕަރު ތިބޯޓް ކޯޓުވާއަށް ހެދުނު ގޯހެއްގެ ސަބަބުން ލިބުނު ބޯޅައިން އާސެނަލްގެ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އުފެއްދި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ޗެލްސީން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ހޯދައިފައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މާކޮސް އަލޮންސޯއެވެ. އެ ލަނޑު ކާމިޔާބުކުރުމަށް އަލޮންސޯ އުފެއްދި ހަމަލާ ހުއްޓުވުމަށް އާސެނަލްގެ ޑިފެންޑަރު ބެލެރިން މަސައްކަތްކޮށްފައިވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީ އަދި އާސެނަލަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ޗެލްސީގެ ޑިއޭގޯ ކޮސްޓާއަށް ރަނގަޅު ފުރުސަތެއް ލިބުނުއިރު، އާސެނަލްގެ އޮޒިލްއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ އަށް މިނެޓްފަހުން ޗެލްސީން ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ. ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑެވެ. ހަޒާޑް އެލަނޑު ކާމިޔާބުކުރީ އާސެނަލްގެ ފްރެންސިސް ކޮކުއެލިން އަދި ލޯރެންޓް ކޮސިއެލްނީ ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އާސެނަލް ކުޅުނު މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 3-1 ލަނޑުން ޗެލްސީ ކުރީގައި އޮވެގެން --- ފޮޓޯ/ އޭޕީ
މެޗު ނިމެނިކޮށް ދެ ޓީމުގެ ފަރާތުން ވެސް ލަނޑެއް ފެނިގެންދިޔައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ލަނޑު އެޓީމުގެ ސްޕެއިން މިޑްފީލްޑަރު ސެސް ފެބްރިގާސް ކާމިޔާބުކޮށްދިންއިރު، މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅު ތެރޭގައި އާސެނަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫއެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ ކުޅުނު 24 މެޗުން ލިބުނު 59 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު 23 މެޗުން 47 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އާސެނަލަށް ވެސް ލިބިފައިވަނީ 47 ޕޮއިންޓެވެ. އާސެނަލުން އެއް މެޗު އިތުރަށް ކުޅުނުއިރު، ޓޮޓެންހަމް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ.