04 Feb 2017, 18:35
ފުލުހުންގެ މުސާރަ ބޮޑު ކުރުން ލަސްކޮށްފައި ވަނިކޮށް ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑުން އިންތިޒާމުކުރާ ޑިނާ ނައިޓަކަށް ކޮމާންޑުގައި މަސައްކަތް ކުރާ ފުލުހުން އަތުން ފައިސާ ނަގަން ނިންމުމާ ގުޅިގެން ފުލުހުން ހިތްހަމަ ނުޖެހިއްޖެ އެވެ.
ފުލުހުންނަށް މުސާރަ ބޮޑުކޮށް އެ މުސާރަ ދިނުމަށް ފޮނުވުމަށް ފަހު އަނެއްކާވެސް ރިވިއުކުރަން ވަނީ ފޮނުވާލާފަ އެވެ. އެކަމާ ގިނަ ފުލުހުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
ފުލުހުންގެ ސެންޓަރަލް އޮޕަރޭޝަން ކޮމާންޑުން އިންތިޒާމުކޮށްގެން ބާއްވާ ޑިނާ ނައިޓަކަށް ކޮމާންޑުގައި މަސައްކަތްކުރާ ފުލުހުން އަތުން 150 ރުފިޔާ ނަގަން ނިންމާފައިވާކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އެ ރުފިޔާ ނަގަނީ ވަކި ޑްރެސް ކޯޑަކަށް ގަމީސް ފަހަން ކަންވެސް ވަނީ އެނގިފަ އެވެ.
އެނގިފައިވާގޮތުން ކޮމާންޑުގައި މަސައްކަތްކުރާ ބައެއް ފުލުހުން ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.
މީގެކުރިންވެސް ޑިޕާޓްމަންޓުތަކުން ބާއްވާ ހަރަކާތްތަކަށް ފުލުހުން އަތުން މީގެކުރިން ވެސް ފައިސާ ނަގާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި އެއީ ކޮންމެ އަހަރަކުވެސް ނިންމާ ވަކި ވަކި ޑިޕާޓްމެންޓްތަކުން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތްތަކެއް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން އެތެރޭން އިންތިޒާމުކޮށްގެން ބާއްވާ އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާކަން ވަނީ އެނގިފަ އެވެ.
ފުލުހުންނަށް މި އަހަރު ފާސްކުރި ބަޖެޓުގައި މުސާރަ އިތުރުކުރަން ފައިސާ ހިމެނި ނަމަވެސް އެކަންވާނީ ރިވިއުކުރުމަށް ފަހު އެގޮތަށް ދޭން ފެނިއްޖެ ނަމަކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މަސް ނިމުމުގެ ދެ ދުވަސް ކުރިން އާންމުކޮށް ފުލުހުންނަށް މުސާރަ ލިބޭ އިރު މިފަހަރުގެ މުސާރަ ފުލުހުންނަށް ލިބުނީ މަސް ފެށުނު ފަހުންނެވެ.