ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ދޫކުރަމުންދާ ހަލާލް ސެޓްފިކޭޓުގެ މަސައްކަތަކީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ މަސައްކަތެއް ކަމުގައި މެލޭޝިޔާގެ ޑިޕާޓްމެންޓް އޮފް އިސްލާމިކް ޑިވެލޮޕްމެންޓް (ޖަކިމް) އިން ކަނޑައަޅައިފި އެވެ.

މެލޭޝިއާގެ ހަލާލް ސެޓެފިކެޓް ދޫކުރުމާބެހޭ މައި އިދާރާ، ޖަކިމް އަކީ ހަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރައްވާ މުއައްސަސާއެވެ. އަދި އެތަނުގެ ޙަލާލް ސެޓްފިކޭޝަންގެ މިންގަނޑުތަކަކީ ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކެއް ބަލައިގަނެފައިވާ މިންގަނޑުތަކެކެވެ.

ރާއްޖޭގައި ހަލާލް ސެޓްފިކޭޓުގެ މަސައްކަތް ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަނެ ޖަކިމްގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ވަނީ ލިޔުމެއް ދީފަ އެވެ. އެ ލިޔުން ދިނީ މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިޔާގެ ޕުޓްރަޖާޔާގައި ލޭކްސައިޑް ހޮޓަލުގައި ބޭއްވި ހަފްލާއެއްގަ އެވެ.

މިނިސްޓްރީއަށް އެ ލިޔުން ހަވާލު ކޮށްދެއްވާފައިވަނީ މެލޭޝިއާގެ މިނިސްޓަރު އިން ދަ ޕްރައިމް މިނިސްޓަރު ޑިޕާޓްމަންޓް ވައި ބީ މޭޖަރު ޖެނެރަލް ދާތޯ ސެރި ޖަމީލް ހިރް ބިން އެޗްޖޭ ބަހަރޮމްއެވެ. ލިޔުމާ މިނިސްޓްރީގެ ފަރާތުން ހަވާލުވެލެއްވީ، މިނިސްޓްރީގެ ހަލާލް ސެޓްފިކޭޝަން އެންޑް ޕަބްލިކޭޝަން ޔުނިޓްގެ ފަރާތުން މަރިޔަމް ޝަމްޝީނާއެވެ.

ރާއްޖޭގެ ޙަލާލް ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތްތަކަކީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ މަސައްކަތްތަކަށް ހެދުމުގެ މަސައްކަތް ޖަކިމްއާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ފެށިއެވެ.

އެ މަސައްކަތުގެ ދަށުން ޖަކިމްގެ ބޭފުޅުން ރާއްޖެ ވަޑައިގަތް، ރާއްޖޭގެ ޙަލާލް ސެޓްފިކޭޓް ދޫކޮށްފައިވާ ދެ ކުންފުންޏަކަށް ޒިޔާރަތްކޮށް އޮޑިޓް ކުރައްވާފައިވެއެވެ.