ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހީމް، ނ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި އެވެ.

މެޑަމް ފާތުން ނ. އަތޮޅަށް ވަޑައިގަތީ "ފަސްޓް ލޭޑީ ބަށިބޯޅް ޗެމްޕިއަންޝިޕް 2017" ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުންނެވެ. އެ ދަތުރުފުޅުގައި ނ. އަތޮޅުގެ ހަތަރު ދާއިރާގެ މަޖިލީސް މެމްބަރުންނާއި، އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ލަންދޫގައި ބަށިބޯޅަ ޗެމްޕިއަންޝިޕް ފައްޓަވައިދެއްވުމަށްފަހު މިއަދު އެ އަތޮޅުގެ އިތުރު ހަތަރު ރަށަކަށް މެޑަމް ފާތުން ޒިޔާރަތް ކުރެއްވީ، އެކަމަނާ "އެންމެގާތުން" ގެ ނަމުގައި ފައްޓަވާފައިވާ އިޖުތިމާއީ ހަރަކާތުގެ ދަށުންނެވެ.

އެގޮތުން ނ. އަތޮޅުގެ ކެނދިކުޅުދޫއާއި، ހޮޅުދޫ އަދި މަނަދޫގެ އިތުރުން ވެލިދޫއަށް މެޑަމް ވަނީ ޒިޔާރަތް ކުރައްވާފަ އެވެ. އެދަތުރުފުޅުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލު ކުރައްވައި އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތާއި، ބޭނުން ޖެހިފައިވާ ކަންކަން އޮޅުން ފިލުވުމަށް ހަމަޖެހިފައިވެ އެވެ.

އޭގެ އިތުރުން ރަށްރަށުގެ ތައުލީމީ އަދި ސިއްހީ ހާލަތު ދެނެގަތުމަށް އެ މުއައްސަސާތަކުގެ އިސްވެރިންނާ އެކަމަނާ ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެ ބައްދަލުވުންތަކުގައި އެ ރަށްރަށުގެ ސްކޫލުތަކަށާއި ސިއްހީ މަރުކަޒުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމުގެ ހައްލުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

މެޑަމް އޮފީހުގެ ފަރާތުން މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވީ، މިމަހު ދެން އިތުރު ދަތުރުފުޅެއް މެޑަމް ރަށްތަކަށް ނުކުރައްވާނެ ކަމަށެވެ. ނަމަވެސް އަންނަ މާޗު މަހު ތެރޭގައި ރާއްޖޭގެ ހަތަރު އަތޮޅަކަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށް އަދުލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، "އެންމެ ގާތުން" ހަރަކާތަކީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް އިޖުތިިމާއީ މަސައްކަތެއްގެ ގޮތުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ ލޯތްބާއި ތަރުހީބު ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ އެކަމަނާ މާލެ ވަޑައިގަންނަވާނެއެވެ.