ގދ. ތިނަދޫން ފެނުނު ތުއްތު ކުއްޖާގެ މަންމަ ކަމަށް ފުލުހުން ޝައްކު ކުރާ ގައްދޫ ތިން އަންހެނުން ދެ ވަނަ ފަހަރަށް ޓެސްޓް ކުރަން ފަށައިފި އެވެ.

ގައްދޫ ކައުންސިލްގެ މެންބަރު ނިޒާރު އަބްދުﷲ މިއަދު ވިދާޅުވީ ތިނަދޫން ފެނުނު ތުއްތު ފިރިހެން ކުއްޖާގެ މަންމަ ކަމަށް ފުލުހުން ޝައްކު ކުރާ ގައްދޫ ތިން އަންހެނުން ފަހުގެ ތާރީހެއްގައި ބަލިވެ އިނދެ ވިހާފައިވޭތޯ ބަލަން ދެ ވަނަ ފަހަރަށް ޓެސްޓު ކުރަނީ ގއ. ވިލިނގިލީން ޑޮކްޓަރަކު ގެނެސްގެން ކަމަށެވެ. ނިޒާރު ވިދާޅުވީ ތުއްތު ކުއްޖާ ފެނުނު ތިނަދޫން ޑޮކްޓަރެއްގެ އެހީ ނުހޯދައި ވިލިނގިލީން ޑޮކްޓަރަކު ގެނައީ ގައްދޫ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށް ވެސް ވިދާޅުވި އެވެ.

ވިލިނގިލިން ޑޮކްޓަރަކު ގެނެސްގެން ތިން އަންހެނުން ޓެސްޓު ކުރާއިރު އެ ރަށު ސިއްހީ މަރުކަޒުގައި ތިން ޑޮކްޓަރުންނާއި އަންހެނުންނަށް ހާއްސަ ޑޮކްޓަރަކު ހުރެ އެވެ. ރަށުން ބޭރުން ޑޮކްޓަރަކު ގެންގޮސްގެން ތިން އަންހެނުން ޓެސްޓު ކުރަނީ ގައްދޫ ސިއްހީ މަރުކަޒުގައި ތިބި ޑޮކްޓަރުން ލައްވައި މިދިޔަ ހަފުތާގައި ކުރި ޓެސްޓަށްފަހު ނެރުނު ރިޕޯޓަށް ފުލުހުން ޝައްކުރާތީ ކަމަށް ވެސް ގައްދޫ ކައުންސިލުން ބުންޏެވެ.

ގައްދޫ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނާއެކު އެ ރަށު ތިން އަންހެނުންގެ މެޑިކަލް ރިޕޯޓު ވެސް ވަނީ މީޑިއާތަކަށް އާންމުކޮށްފަ އެވެ. އެ ރިޕޯޓު ތަކުގައިވާ ގޮތުން ޓެސްޓު ކުރި އެކަކީ މިހަކާ ކައިވެނި ނުކޮށް ހުރި އަންހެނެކެވެ. އަނެއް ދެ މީހުންގެ ތެރެއިން އެކަކު ދެ ފަހަރެއްގެ މަތިން ވިހާފައިވާ އިރު ދެން ހުރި މީހާ ވިހާފައި ވަނީ މީގެ ހަ އަހަރު ކުރިންނެވެ.

ކުއްޖާ މަންމަ ކަމަށް ފުލުހުން ޝައްކު ކުރާ މި ތިން އަންހެނުން ތެރޭގައި ހިމެނެނީ ގައްދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ދެ މީހަކާއި އެ ރަށު މަދަރުސާގެ ޓީޗަރެކެވެ.

ތިނަދޫ ގަރާޖެއްގެ ތެރެއިން ތުއްތު ކުއްޖާ ފެނުނު ދުވަހު، އެ ތިން އަންހެނުން ވެސް ތިނަދޫގައި ތިއްބެވެ. އެ ތިން އަންހެނުން ތިނަދޫ އަށް ދިޔަ ސަބަބު ވެސް ގައްދޫ ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ. ބުނެފައި ވަނީ އެމީހުންގެ ތެރެއިން ހޮސްޕިޓަލުގައި މަސައްކަތް ކުރާ ކުރާ އެކަކު ތިނަދުއަށް ދިޔައީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރި ބަލި މީހެއްގެ އެހީ ތެރިއެއްގެ ގޮތުގައި ކަމަށެވެ. ދެވަނަ މީހާ ދިޔައީ ބޭސްފަރުވާ އަކަށް ކަމަށާއި ރަށު ސްކޫލްގައި މަސައްކަތް ކުރާ އަންހެން ޓީޗަރު ދިޔައީ ދަރިއަކު ބަލިވެގެން ކަމަށެވެ.