04 Feb 2017, 16:11
ކޮލަމްބޯ (ފެބްރުއަރީ 4): ގަވާއިދާ ހިލާފަށް، ވާތު ސަންގެއް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާއިން ހަތް މީހަކު ހައްޔަރުކޮށްފި އެވެ.
ބައިނަލްއަގުވާމީ ގަރާރެއްގެ ދަށުން ވިއްކުން މަނާކޮށްފައިވާ ވާތު ސަންގެއް ވިއްކަން އުޅުނު ކަމުގެ ތުހުމަތުގައި އެ މީހުން ހައްޔަރުކޮށްފައިވާ އިރު، އެ މީހުން ވިއްކަން މަސައްކަތް ކުރި އަށް އިންޗީގެ ސަންގުގެ އަގު 70،000 ޑޮލަރަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ.
މަދުން ނޫނީ ނުފެންނަ އެ ސަންގު މިހާރު އޮތީ ލަންކާގެ ވައިލްޑްލައިފް ޑިޕާޓްމެންޓުގެ ބެލުމުގެ ދަށުގަ އެވެ.
ސްރީ ލަންކާގެ ގާނުނުތަކުން ސަންގާއި ބޮލި ރައްކާތެރިކޮށްފައިވިޔަސް އެކަމާ ދެކޮޅަށް ހަދާފައިވާ ގާނޫނުތައް ތަންފީޒު ނުކުރުވެމުގެ ސަބަބުން އެފަދަ އެއްޗެހި އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ވަނީ އިތުރުވެފައި ކަމަށް ކަނޑުގެ ދިރުންތަކާ ބެހޭ މާހިރުން ވިދާޅުވެ އެވެ. (ބީބީސީ)