އައިކޭއޭ ކަލިނަރީ އޮލިމްޕިކްސްގެ ޗެމްޕިއަން ޝެފް، އެޑްވިން ލިއޯ އާ އެކު ހުޅުލޭ އައިލެންޑް ހޮޓަލުގައި ޚާއްސަ ޕޭސްޓްރީ މާސްޓާ ކްލާހެއް ބާއްވަން ނިންމައިފި އެވެ.

މި ކްލާހުގެ ހޯސްޓަކީ މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (މެކްސް) އާއި ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އެވެ.

މިއަދު ބާއްވާ މި ކްލާހުގައި ބައިނަލް އަގުވާމީ ކަލިނަރީ މުބާރާތްތަކުގައި ސަމާލުވާން ޖެހޭ ކަންތައްތަކުގެ މައުލޫމާތު ހިއްސާކޮށް ޕޭސްޓްރީ އިން އޮލިމްޕިކް ޗެމްޕިއަންކަން ހޯދިދާނެ ގޮތްތައް ކިޔައިދޭނެ އެވެ. އަދި ޝެފް އެޑްވިންގެ އެވޯޑް ވިނިން ހަތަރު ރެސިޕީވެސް ދައްކާލާނެ އެވެ.

ކަލިނަރީ ޗެލެންޖް ޕްރޮޖެކްޓުގެ ޑައިރެކްޓަރު އެލެން ޕާމާ ވިދާޅުވީ މިއަދު ބާއްވާ ކްލާސްތަކަކީ ރާއްޖޭގައި ބާއްވަން މުހިއްމު ކްލާސްތަކެއް ކަމަށާއި ރާއްޖޭގައި މިފަދަ ކްލާސްތައް ގަވާއިދުން ބާއްވަން ބޭނުންވާ ކަމަށެވެ.

މި އިވެންޓުގެ ކޯ ހޯސްޓު ބީބީއެމްގެ ކޯ ހޯސްޓު މުހައްމަދު މަޒްލޫމް ވިދާޅުވީ ފުޑް ސާވިސް އަދި ރާއްޖޭގެ ކޯޕަރޭޓް ކުންފުންޏެއްގެ ހައިސިއްޔަތުން ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި މައުލޫމާތު ތަރައްގީ ކުރަން ޖެހޭ ކަމަށެވެ. އަދި މިކަހަލަ ޕްރޮގްރާމްތައް މެދުވެރިކޮށް ރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީ ދުނިޔޭގެ އެންމެ އުސްމިންތަކަށް ގެންދިއުމަށްޓަކައި ޝެފުންނަށް ތަމްރީން ދީ، އެ ދާއިރާއިން ތަމްރީން ހާސިލް ކުރުމަށް ޝެފުން ބޭރަށް ފޮނުވުން މުހިއްމު ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރުު މަހުގެ 17 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވަން ހަމަޖައްސާފައިވާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގައި ބައިވެރިވާ ޝެފުންނަށް މި ކްލާސް ވެގެންދާނީ ވަރަށް ބޭނުންތެރި ކްލާހަކަށެވެ.

އެ ކްލާސް ނަގައިދޭ ޝެދް އެޑްވިންއަކީ ޕޭސްޓްރީ އާޓް ޗެމްޕިއަނެކެވެ. މިދިޔަ އަހަރު ބޭއްވި އައިކޭއޭ ކަލިނަރީ އޮލިމްޕިކްގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ އެޑްވިން އެވެ.