04 Feb 2017, 13:26
ގިނަ ބައެއްގެ މެދުގައި މަގުބޫލު ޕިއްޒާ ބޯނާއަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފި އެވެ.
މާލޭގައި ޕިއްޒާ ބޯނާގެ ދެ އައުޓްލެޓެއް ހުންނަ އިރު، ރޭ ގެއްލުން ދީފައި ވަނީ މަޖީދީމަގުން ސޯސަންމަގާ ގުޅޭ ކަންމަތީގައި ހުންނަ ޖީކޭޓީ ފާމަސީއާ އިންވާ ގޮތަށް ހުންނަ ތަނަށެވެ. އެތަނުގެ ބިއްލޫތައް ވަނީ ތަޅާލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަަން"އަށް ވިދާޅުވީ، ޕިއްޒާ ބޯނާއަށް ގެއްލުން ދިން ކަމުގެ ރިޕޯޓެއް ރޭ މެންދަމު 03:20 ހާއިރު ލިބިފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަން ވިދާޅުވީ ރޭގެ ވަގުތެއްގައި ބަޔަކު އެތަނަށް ގެއްލުން ދީފައިވާ ކަމަށާއި، ގާބުރި އަކުން ޖަހާ އެތަނުގެ ބިއްލޫރި ގަނޑު ވަނީ ތަޅާލާފައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.