04 Feb 2017, 12:36
ތެހެރާން (ފެބްރުއަރީ 4): އީރާނުން ބެލިސްޓިކް މިސައިލެއް ޓެސްޓު ކުރުމާ ގުޅިގެން އެމެރިކާއިން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފި އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާނުގެ 13 މީހަކާއި 12 ކުންފުންޏަކަށެވެ. އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ގުރޫޕުތަކުގެ ތެރޭގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް ކޯޕްސް ވެސް ހިމެނެ އެވެ.
"އީރާނުން ދަނީ އަލިފާނާ ކުޅެމުން. ރައީސް އޮބާމާ އެމީހުންނާ ދޭތެރޭ ރަނގަޅަށް އަމުލު ކުރެއްވުމުން އެމީހުން އެކަމަށް ޝުކުވެރި ނުވޭ. އަޅުގަނޑު [ރައީސް އޮބާމާ] ގޮތަކަށް ނުވާނެ،" ރައީސް ޓްރަމްޕް މީގެ ކުރިން ކުރެއްވި ޓުވީޓެއްގައިވެ އެވެ.
"އީރާނުން ޓެރަރިޒަމަށް ކުރާ ތާއީދާއި އެގައުމުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމުގެ ސަބަބުން އީރާނަކީ އެސަރަހައްދަށާއި، އެމެރިކާ އާއި އެމެރިކާއަށް އެއްބާރުލުން ދޭ ގައުމުތަކަށް އޮތް ނުރައްކަލެއް،" ޔޫއެސް ޓްރެޝަރީ ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައިވެ އެވެ.
ވައިޓް ހައުސްއިން ބުނި ގޮތުގައި އީރާނުން ދާދި ފަހުން ޓެސްޓު ކުރި މެދު ރާސްތާ މިސައިލާއެކި އެގައުމުން ވަނީ 2015 ވަނަ އަހަރު ހެދި ނިއުކްލިއާ އެއްބަސްވުމާ ހިލާފުވެފަ އެވެ.
ނަމަވެސް އީރާނުން ބުނި ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އދން ފާސްކުރި އީރާން އެއްބަސްވުމާ ހިލާފުވާ އަމަލެކެވެ. އަދި އީރާނުން ވަނީ "އެއްވެސް ތަޖުރިބާއެއް ނެތް" މީހަކު ދޭ އިންޒާރުތަކަކީ އެއްވެސް ބަރުދަނެއް ނެތް އިންޒާރުތައް ކަމަށާއި އެމެރިކާއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން "ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓު ގުރޫޕުތަކަށް ހިތްވަރުދީ، އެސަރަހައްދުގެ ބައެއް މީހުން މަރާ އެމެރިކާ ރައްޔިތުންނާއި ކުންފުނިތަކާ ދެކޮޅަށް" އީރާނުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ އެވެ. (ބީބީސީ)