04 Feb 2017, 11:43
ރާއްޖޭގައި އެނިމަލް ޑޮކްޓަރުންގެ ޚިދުމަތް ދެވެން ނެތް ކަމަށާއި ނަމަވެސް އެފަދަ ޑޮކްޓަރެއް ގެނެސްގެން ހިލޭ އެ ޚިދުމަތް ދެމުންދާ ކަމަށް ފިޝަރީސް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
"ސަން" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި އަހަރު ތެރޭގައި ބަކަރި ދިރުވައި އާލާ ކުރުމުގެ ދެވަނަ ބުރު ފަށާނެ ކަމަށާއި އެކަމަށް މިނިސްޓްރީން ފޯރުކޮށްދެނީ ޓެކްނިކަލް އެހީތެރިކަން ކަމަށެވެ. އެގޮތުން ރާއްޖޭގައި ވެޓެއް (އެނިމަލް ޑޮކްޓަރެއް) ނުހުންނާތީ އާ ވެޓެއް ހަޔާ ކޮށްގެން އެ ޚިދުމަތް ހިލޭ ދެމުން ދާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އޭނަގެ ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ހިލޭ ދޭ ގޮތަށް މި އޮންނަނީ. އެކަމަކު ދަތުރުތައް ކުރުމާއި ވެކްސިނެއް ޖަހަން ޖެހިއްޖެއްޔާ އޭގެ އަގާއި މިއެއްޗެހި ޖަހަން ޖެހެނީ ކަން ކުރާ ފަރާތަކުން. އެކަމަކު އޭނަގެ ޓެކްނިކަލް އެސިސްޓެންސް ހިލޭ މި ފޯރުކޮށްދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިފަދަ ދިވެހި ޑޮކްޓަރުން ތަމްރީން ކުރުމަށް ވިސްނާފައިވޭތޯ ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން ހުޅުވާލާފައި ވަނީ ވަކި ދާއިރާއަކުން ކިޔަވާކަށް ނޫން ކަމަށެވެ. ކުރިއާ ޚިލާފަށް މިހާރު ހުޅުވާލާފައި އޮންނަނީ މަތީ ތައުލީމަށް ދިއުމަށް ކަމަށާއި އެކުއްޖަކު ކިޔަވަން ބޭނުންވާ ދާއިރާއެއް ޚިޔާރު ކުރާނީ އެކުއްޖަކު ކަމަށެވެ. އެގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާނެ ގޮތްތައް ކިޔައިދިނުމަށް ސްކޫލު ކުދިންނަށް ޚާއްސަކޮށްގެން މިހާރު ވެސް އެ މިނިސްޓްރީން ވޯކްޝޮޕްތަކެއް ކުރިއަށް ގެންދާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ އެނިމަލް ޑޮކްޓަރު ކަމުގެ ދާއިރާ އިން މާސްޓާސް ޑިގްރީ ނަންގަވާފައި ހުރި ބޭފުޅަކު މިހާރު އެމިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެމީހާގެ އިތުރުން ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ވެސް މިނިސްޓްރީގައި އެބަ ހުންނެވި ކަމަށެވެ. ނަމަވެސް ޝައިނީ ވިދާޅުވި ގޮތުގައި އެނިމަލް ޑޮކްޓަރުގެ ޚިދުމަތަކީ ރާއްޖޭގައި އަދި ދެވެން ނެތް ޚިދުމަތެކެވެ.
"އެހެން ނަމަވެސް ވަކިން ވެޓެއް ގެނެސްގެން އަޅުގަނޑުމެން މަސައްކަތް މިކުރަނީ ރާއްޖޭގަ އަދި އެސާވިސް ދެވެން ނެތީމާ. ރަށް ރަށަށް ފޮނުވުމަށާއި އެކި އެކި ގޭތަގަކަށް ބޭނުންވީމާ ބައެއް ކަހަލަ ޕެޓްސްތަކަށް ވެސް އަޅުގަނޑުމެން ހިލޭ ސާވިސް އެބަ ދެން،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން އެނިމަލް ޑޮކްޓަރުގެ ޚިދުމަތް ދެމުން ދަނީ ބިދޭސީ ޑޮކްޓަރެއް ހަޔާކޮށްގެންނެވެ. ދިވެހިންނަކީ ޕެޓް ގެންގުޅުމަށް ލޯބި ކުރާ ބަޔަކަށްވާ އިރު އެގޮތަށް ގެންގުޅޭ ޖަނަވާރުތަކަށް ބަލި ޖެހުން ފަދަ ކަންކަމާ ހުރެ އެ ޖަނަވާރުތައް މަރުވާ ފަހަރު ގިނަ އެވެ. މި ޚިދުމަތަކީ ދިވެހިން ވަރަށް ބޭނުންވެފައި އޮތް ޚިދުމަތެކެވެ.