26 Jun 2011, 14:16
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާސްޕޯޓް ހިފެހެއްޓެވުމަށް ރައީސް މުހައްމަދު ނަޝީދު އެންގެވި ކަމަށް ވިދާޅުވެ، ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމް ދައްކަވާފައިވާ ވާހަކަފުޅަކީ އިލްޔާސްގެ އަމިއްލަ "ސިޔާސީ ހިޔާލީ ވާހަކަފުޅެއް" ކަމަށް ވިދާޅުވެ، އިލްޔާސަށް ޕްރެސް ސެކްރެޓަރީ މިއަދު ރައްދު ދެއްވައިފި އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، ގާނޫނާ ގަވައިދުތަކާ ހިލާފަށް އެއްވެސް ކަމެއް ކުރެއްވުމަށް ރައީސް ނަޝީދު، އިލްޔާސަށް އަންގަވާފައިނުވާނެ ކަމަށެވެ. އަދި މައުމޫންގެ ޕާސްޕޯޓް ހިފަހައްޓަން ރައީސް އެންގެވި ކަމަށް ވިދާޅުވެ ދައްކަވާފައިވަނީ "ސިޔާސީ ހިޔާލީ ވާހަކަފުޅެއް" ކަމަށެވެ.
"އެމަނިކުފާނަކީ ސަރުކާރު ނިސްބަތްވާ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް، އަދި ސަރުކާރާއެއްކު އިއްތިހާދު އޮތަސް ވެސް. އެހެންވީމަ ސިޔާސީ ހިޔާލުފުޅު ތަފާތު ވާނެ. އެގޮތުން ވިދާޅުވާ ސިޔާސީ ހިޔާލުފުޅެއް އެއީ،" ޒުހެއިރު ވިދާޅުވި އެވެ.
އަދި ޕާސްޕޯޓް ހިފެހެއްޓުމާ ގުޅޭ ގޮތުން އިލްޔާސް އެ ހެއްދެވީ "އިތުރުފުޅެއް" ކަމަށާއި އެކަން ކުރަން ރައީސް އެންގެވިނަމަ އެކަން އޮންނާނީ އިލްޔާސް ކުރައްވައިފަ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.
"ޕާސްޕޯޓް ހިފަހައްޓުމަށް ވެސް ]ރައީސް[ ދަންނަވާފައި އޮތިއްޔާ އެ ހައްދަވަނީ އިތުރުފުޅެއްކަން ހާމަވާ އެންމެ މުހިންމު ނުކުތާ އަކީ، އެއީ ޕާސްޕޯޓް ހިފަހައްޓަވަން ދަންނަވައިފަ އޮތް ކަމަށް ވަންޏާ އިލްޔާސް އެ ޕާސްޕޯޓް ހިފަހައްޓަވަން ޖެހިވަޑައިގަންނަވާނެ. އެއީ ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ކުރެއްވި ދާނެ އަމުރެއް. އެއާއެކީގައި ރައީސް އަންގަވާފައި އޮއްވާ އިލްޔާސް އެކަން ނުކުރައްވާފިއްޔާ އެ ގާނޫނާ ހިލާފުވީ. އެއީ އިމިގްރޭޝަން ގާނޫނުގައި އޮންނާނެ ކޮންމެ ދިވެއްސެއްގެ ޕާސްޕޯޓް ވެސް ކޮންޓްރޯލަރަށް ހިފެހެއްޓޭނޭ. އެހެންވީމަ ތީ ]މައުމޫން ޕާސްޕޯޓް ހިފެހެއްޓުމަށް އެންގުމަކީ] ހިނގިކަމެއް ވަންޏާ އެކަން އިލްޔާސް އެކަން ކުރައްވައިފަ އޮންނާނީ،" ޒުހެއިރު ވިދާޅުވި އެވެ.
ޕްރެސް ސެކްރެޓެރީ ވިދާޅުވީ، އިމިގްރޭޝަން ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކާ ގުޅޭ ގޮތުން އިލްޔާސް ފާހަގަކުރައްވާފައިވާ "ކަންބޮޑުވުންތަކާ" މެދު ސަރުކާރުން ވަރަށް ސީރިއަސްކޮށް ދެކޭ ކަމަށެވެ. އަދި އެ ކަންބޮޑުވުންތައް ރައީސަށް ދަންނަވާފައިވަނީ އިލްޔާސް "ގިނިކިންޏާ" ނޫން ކަމަށާއި އެތައް ބޭފުޅުންނެއް އެވާހަކަތައް ދައްކަވާފައިވާ ކަމުގައި ވެސް ޒުހެއިރު ވިދާޅުވި އެވެ.
އަދި އިލްޔާސްފެ މި ސިޓީ ލީކުވުމުގެ މާކުރިން ސަރުކާރުން އިމިގްރޭޝަނާއި ހިއުމަން ރިސޯސް އިން ކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ބަލަން ފަށާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް ނަޝީދަށް ފޮނުއްވި ވަރަށް "ހޫނު" ސިޓީއެއްގައި އިލްޔާސް ވަނީ އިމިގްރޭޝަން ތެރެއިން ހިނގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކާއި އެކަމުގައި ފަހަތުގައި ތިއްބެވި ކަމަށް ބުނާ ބައެއް ބޭފުޅުންނާއި އަދި އޭނާ ކޮންޓޯލަރުގެ މަގާމުން ދުރުކުރެއްވި ސަބަބުތަކާ ގުޅޭ ގޮތުން ލިޔުއްވައިފަ އެވެ.
ލީކުވެފައިވާ ސިޓީގެ ކޮޕީއެއް ސަން އަށް ވަނީ ލިބިފަ އެވެ. އަދި އެ ސިޓީއަކީ ސައްހަ ސިޓީއެއްކަން އިލްޔާސް ވަނީ ސަަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
މިއަހަރުގެ މާޗު މަހުގެ ތެރޭ ރައީސް ނަޝީދަށް އިލްޔާސް ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައިވަނީ ބައެއް ފަހަރު ރައީސް ނަޝީދު "ފޯނު ކުރައްވައި" އެންގެވުމުން އެކަންތައް ވެސް ހުންނާނީ ނުކޮށް ދޫކޮށްލައިފަ ކަމަށެވެ. އެގޮތުން މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ރައީސް ދެ ފަހަރެއްގެ މަތިން އެންގެވުމުން އެކަންތައް ނުކޮށް ދޫކޮށްލައްވާފައިވާނެ ކަމަށް އިލްޔާސް ވިދާޅުވެފައިވެ އެވެ.
"ދެފަހަރެއްގެ މަތިން ރައީސް މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސީދާ މަނިކުފާނު ފޯނުކުރައްވައި އެންގެވުމުން ވެސް އަޅުގަނޑު އެކަން ނުކުރީ ކޯޓު އަމުރެއް ނެތުމުންނެތި އެކަން ނުކުރުމުގެ ގޮތުންނެވެ. ދެން މަނިކުފާނު ވިދާޅުވީ ]ޕާސްޕޯޓް[ ދޫކޮށްލުމަށް ކޯޓު އަމުރެއް ނެރެންދެން ރައީސް މައުމޫންގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. މިކަން ވެސް އަޅުގަނޑު ނުކުރީ ދިވެހި ގައުމުގެ ސިޔާދަތު ދެމެހެއްޓުމަށެވެ. އަދި ރައީސް ނަޝީދުގެ އިއްޒަތާއި ސަލާމަތަށް އިސްކަން ދީގެންނެވެ،" އިލްޔާސް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ، ޕީއޭ އަށް ނިސްބަތްވާ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ބޭރަށް ފުރިޔަ ނުދީ އޭނާގެ ޕާސްޕޯޓް ހިފަހައްޓާލަ ދިނުމަށް ވެސް ރައީސް އެދިވަޑައިގަތުމުން އެއީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ކޯޓު އަމުރެއް ނެތި ކުރެވޭނެ ކަމަކަށް ނުވާތީ އެކަން ވެސް ނުކޮށް ދޫކޮށްލައްވާފައިވާ ކަމަށެވެ.