މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ (އެމްއެންޔޫއެސްޔޫ)ގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންނަށް ހޮވުނު ފަރާތްތަކަށް މަގާމު ހަވާލުކޮށްފި އެވެ.

ރޭ ބޭއްވި ރަސްމިިއްޔާތެއްގައި އެކްސްކޯ މެމްބަރުންގެ ގޮތުގައި ހޮވުނު ފަރާތަކަށް މަގާމު ހަވާލުކުރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ބަސް ކޮމިޓީގެ ރައީސް މުހައްމަދު ނަޝީދު(ކާނަލް) އެވެ.

އެމްއެންޔޫއެސްޔޫގެ އެކްސްކޯއަށް ހޮވުނު މެމްބަރުން:

  • ރައީސް: އަލީ ރަޝީދު

  • ނައިބު ރައީސް (އިލްމީ): ޝާފިއު އަހްމަދު
  • ނައިބު ރައީސް (އަމަލީ): ހައްމާދު ވާފިރު
  • ނައިބު ރައީސް (ގޮފިތައް): އަލީ ޝައްމޫން
  • ސެކްރެޓަރީ: ހައްވާ ޔުޝްފާ
  • އެސިސްޓެންޓް ސެކްރެޓަރީ: އިބްރާހިމް ސައީދު
  • ހަޒާންދާރު: އިބްރާހިމް ހަނީސް
  • މީޑިއާ ކޯޑިނޭޓަރު: މާޒިން ހުސެއިން އިބްރާހިމް

ސްޓޫޑެންޓް ޔޫނިއަން އިން ވަނީ ނިމިދިޔަ 2016 ވަނަ އަހަރު ބައިވެރިވި ޔުނިވާސިޓީގެ ހުރިހާ މުބާރާތެއްގެ ތަށި ނަގާފަ އެވެ. އެގޮތުން އަންހެން އަދި ފިރިހެން ވޮލީ ބޯޅަ މުބާރާތާއި ބާސްކެޓު ބޯޅަ މުބާރާތް އަދި ރޭޑިއޯ ބަހުސް މުބާރާތް ހިމެނެ އެވެ.

އެ މުބާރާތްތަކުގައި ބައިވެރި ފަރާތްތަކަށާއި ކޯޗުންނަށް ވަނީ ހަނދާނީ ލިޔުން ދީފަ އެވެ. ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަސްކޮމިޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޔުނިވާސިޓީން މޮޅު މީހަކަށްވާން ދަސްކޮށް ނުދޭނެ ކަމަށާއި އެކަން ކުރެވޭނީ ޔޫނިއަންގެ ޕްލެޓްފޯމުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

"ދަރިވަރިންގެ ޔޫނިއަންތަކުގެ މަގާމު ތަކުން ގައުމުގެ ހަރުދަނާ ލީޑަރުން ބިނާ ވެގެން އާދޭ. ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީނަކީ އޭގެ ލާމަސީލު މިސާލެއް،" ނަޝީދު ވިދާޅުވި އެވެ.

އެމްއެންޔޫގެ ދަރިވަރުންގެ ގުޅުމުގެ މިދިޔަ އަހަރާއި މި އަހަރުގެ ރައީސް، އަލީ ރަޝީދު ވިދާޅުވީ، ނިމިދިޔަ އަހަރުގެ ކާމިޔާބީތަކުގެ ސިއްރަކީ ކުރިމަތިވި ދަތިތަކާއި ކެރިގެން ކުތިމަތި ލުން ކަމަށެވެ. އަދި އެކަމުގައި އަދަބީ އަދި ކުޅިވަރު ޓީމުތަކުގެ ބައިވެރިންނާއި ކޯޗުންގެ ހިއްސާ ބޮޑު ކަމަށެވެ.

އޭނާގެ ވާހަކަފުޅުގައި، މިއަހަރު އަތޮޅުތެރޭގެ ކެމްޕަސްތަކަށް ބޮޑު އިސްކަމެއް ދޭނެ ކަމަށް ވިދާޅުވި އެވެ.

"މިއަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ، އަތޮޅުތަކުގައި ހުރި ކެމްޕަސްތަކުގައި ޔޫނިއަންގެ ގޮފިތައް ހަދައި ލާމަރުކަޒުކޮށްގެން ގޮފިތައް ހިންގުމަށް،" އަލީ ރަޝީދު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވަނީ އެންމެ ކާމިޔާބު ފެކަލްޓީގެ އެވޯޑާއި، އެންމެ ހަރަކާތްތެރި ގޮފީގެ އެވޯޑުވެސް ދީފަ އެވެ. އެގޮތުން އެންމެ ކާމިޔާބު ފެކަލްޓީއަކަށް ފެކަލްޓީ އޮފް ޝަރިއާ އިން ލޯ ހޮވިފައިވާ އިރު، އެންމެ ހަރަކާތްތެރި ގޮތްޕަކަށް ހޮވިފައި ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ގާއިމް ކޮށްފައިވާ އެމްއެންޔޫއެސްޔޫގެ ގޮފި "ހީލާސް" އެވެ.

އެމްއެންޔޫއެސްޔޫ އަށް އެކި ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލާ ދީފަ އެވެ. އެގޮތުން ވޮލީ ޓީމް ގެ ސްޕޮންސާ ވީބީ ބްރަދާސްއާއި، ފުޓްސަން ސްޕޮންސާ ލިޓަސް އޮޓޯ މޮބައިލްސްގެ އިތުރުން އުޖޫރައަކައި ނުލައި ބަހުސް ޓީމަށް ކޯޗުކަން ކޮށްދެއްވި މުހައްމަދު ޝިފާނަށް ވަނީ ހަނދާނީ ލިޔުންދީފަ އެވެ. އަދި އޭގެ އިތުރުން އެމްއެންޔޫއެސްޔޫގެ މީޑިއާ ޕާޓްނާ ސަން މީޑިއާ ގްރޫޕަށް ވެސް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.