ކާބުލް (ފެބްރުއަރީ 4): އަފްގާނިސްތާނުގެ ފަރިޔާބު ޕްރޮވިންސުގައި އެއް އާއިލާއަކަށް ނިސްބަތްވާ އަށް ފުލުހެއްގެ ބޮލަށް ބަޑި ޖަހާ މަރާލައިފި އެވެ.

އެހަމަލާގައި މަރުވެފައި ވަނީ ބައްޕައަކާއި، ދެ ފިރިހެން ދަރިންނާއި، ދެ ދަނބިދަރިންނާއި، އެބައްޕަައަށް ބޮޑުބޭބެ ކިޔާ ތިން މީހެކެވެ. އަފްގާން ސަރުކާރު އޮފިޝަލުން ބުނި ގޮތުގައި ޗެކްޕޮއިންޓެއް ކައިރީ ފާރަމަރަމުން ދިޔަ އެ ފުލުހުންނަށް ހަމަލާ ދިނީ އެމީހުންނާ އެއްކޮށް މަސައްކަތް ކުރަމުން ދިޔަ ފުލުހުކެވެ.

އެފުލުސް މީހާ ވަނީ ބަޑިން ހަމަލާ ދިނުމުގެ ކުރިން އެއެންމެންނަށް ބޭހެއް ދީފައި ކަމަށާއި އެފުލުސް މީހާއަކީ ތާލިބާނަށް ނިސްބަތްވާ މީހެއް ކަަމަށް ބައެއް ރިޕޯޓުތަކުގައިވެ އެވެ. އަދި އެހަމަލާ ދިނުމަށް ފަހު އޭނާ ތާލީބާނުން ކައިރިއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތަކުގައިވާ އިރު ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނަގާފައި ނުވެ އެވެ.

މީގެ ކުރިން، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަފްގާން ދެ ސިފައިން ވަނީ އެމީހުންނާ އެކު މަސައްކަތް ކުރަމުން ދިޔަ 13 ފުލުހަކު ނިދާފައި ތިއްބާ، އެމީހުންގެ ގަޔަށް ބަޑި ޖަހާ މަރާލާފަ އެވެ.

މިހަފްތާ ތެރޭގައި އެމެރިކާއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން 2015 އާ އަޅާ ބަލާއިރު މިދިޔަ އަހަރު މަރުވި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ފަރާތްތައް ވަނީ ތިން ގުނައަށް އިތުރުވެފަ އެވެ. (ބީބީސީ)