04 Feb 2017, 09:38
ވޮޝިންޓަން (ފެބްރުއަރީ 4): މުސްލިމް އަގުލަބިއްޔަތެއް އޮންނަ ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ވަނުން މަނާ ކުރާ ރިޔާސީ އަމުރު ކޯޓުން ހުއްޓުވައިފި އެވެ.
ޓްރަމްޕުގެ އަމުރަކީ ދީނީ ތަފާތު ކުރުމުގެ މައްޗަށް ބިނާކޮށްފައިވާ އަމުރަކަށް ވުމުން އެއީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ވޮޝިންޓަން ސްޓޭޓާއި މިނިސޯޓާ އިންނެވެ.
ފެޑެރަލް ޖަޖް ޖޭމްސް ރޮބާޓް ޓްރަމްޕްގެ އަމުރު ހުއްޓުމަކަށް ގެނައުމަށް ނިންމެވީ ރިޔާސީ އަމުރާ ދެކޮޅު ހެދުމުގެ ބާރު ސްޓޭޓުތަކަށް ލިބިގެން ނުވާ ކަމަށް ސަރުކާރުގެ ވަކީލުން ވިދާޅުވަމުން ދަނިކޮށެވެ.
އަދި ކޯޓުގެ ނިންމުމަށް އެމެރިކާގެ ހުރިހާ ސްޓޭޓަކުން އަމުލު ކުރަން ޖެހޭ އިރު، ކޯޓުގެ ނިންމުން ބަދަލު ނުކުރާހާ ހިނދެއްގައި ސީރިއާ، އިރާން، އިރާގު، ލީބިއާ، ސޫދާން، ސޯމާލިއާ އަދި ޔަމަނުގެ ރައްޔިތުންނަށް އެމެރިކާ އިން ވިސާއަށް އެދެވޭނެ އެވެ. ނަމަވެސް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ސަރުކާރަށް ހުށަހެޅިދާނެ އެވެ.
ަވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ރައީސް ޓްރަމްޕްގެ އަމުރަކީ އެމެރިކާގެ ރައްޔިތުން ރައްކާތެރި ކުރުމަށް ގާނޫނު އަސާސީން ރައީސަށް ލިބިދީފައިވާ ބާރާއި ޒިންމާގެ ދަށުން ކުރެއްވި އަމުރެކެވެ.
އަދި ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާ އަށް ދިޔުން މަނާ ކުރުމުގެ އިތުރުން އެމެރިކާގެ ރެފިއުޖީ ޕްރޮގްރާމް ހުއްޓުވުމާ ގުޅިގެން އެގައުމުގައި އެތައް ބަޔަކު މުޒާހަރާ ކުރަން ފެށުމުން ޓްރަމްޕް ވަނީ އެމެރިކާ އަށް ދާ މީހުން ސްކްރީން ކުރާނެ އެންމެ ރައްކާތެރި ސިޔާސަތެއް ހޯދުމުން ވިސާ ދޫކުރަން އަނެއްކާ ވެސް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)