ޕްރިޔަންކާ ޗޯޕްރާ އަދި އަކްޝޭ ކުމާރް އަކީ ބޮލީވުޑުގައި މަސައްކަތް ކުރާ އެންމެ ހުނަރުވެރި ފަންނާނުންގެ ލިސްޓުގެ ކުރީގައި ހިމެނޭނެ ދެމީހުންނެވެ. ނަމަވެސް ދެމީހުން އެކުގައި ފިލްމަކުން ނުފެންނަތާ މިހާރު 10 އަހަރު ވެއްޖެ އެވެ.

އެކުގައި ފަސް ފިލްމު ކުޅުމަށް ފަހު ޕްރިޔަންކާ އަދި އަކްޝޭ އެކުގައި ފެނިގެން ގޮސްފައި ނުވަނީ، ދެމީހުންގެ ދޭތެރޭ ގައި އޮތް ކަމަށް ބުނާ ލޯބީގެ ގުޅުން ނާކާމިޔާބު ވުމުން ކަމަށް ޚަބަރުތައް ބުނެ އެވެ.

އަކްޝޭގެ ކުރިއަށް އޮތް ފިލްމު 'ޖޮލީ އެލްއެލްބީ 2' ޕްރޮމޯޓް ކުރުމަށް ޝޯ އަކަށް ދިއުމުން ވެސް އަކްޝޭ އަށް އަމާޒުވި ސުވާލަކީ މިއީ އެވެ. ޕްރިޔަންކާ އާ ދެމެދު ޖެހުނީ ކޮން މައްސަލައެއްތޯ އާއި، ދެމީހުން އެކުގައި އަލުން ފެނިދާނެތޯ ކުރެވުނު ސުވާލުތަކެވެ.

ޝޯގައި ވާހަކަ ދައްކަމުން އަކްޝޭ ބުނީ ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ފުރުސަތެއް ލިބިއްޖެ ނަމަ ޕްރިޔަންކާ އާއެކު މަސައްކަތް ކުރަން ތައްޔާރަށް ހުރި ކަމަށެވެ.

"އެކަހަލަ އެއްވެސް ކަމެއް ނެތް. ޕްރިޔަންކާ އާއެކު އަހަރެން ފަސް ފިލްމެއްގައި މަސައްކަތް ކުރިން. ރާނީ މުކަރުޖީ ފިޔަވާ އެހެން ހުރިހާ އަންހެން ތަރިންނާ އެކު އަހަރެން ވާނީ މަސައްކަތް ކޮށްފައި. ފުރުސަތެއް ލިބިއްޖެ ނަމަ ޔަގީނުން ވެސް ޕްރިޔަންކާ އާއެކު މަސައްކަތް ކުރާނަން،" އަކްޝޭ ބުންޏެވެ.

އަކްޝޭ ވަނީ ޕްރިޔަންކާ ހޮލީވުޑުގައި ކުރަމުން އަންނަ މަސައްކަތަށް ތައުރީފުކޮށް، ޕީޕަލްސް ޗޮއިސް އެވޯޑު ޕްރިޔަންކާ އަށް ހައްގު ކަމަށް ވެސް ބުނެފަ އެވެ.

ޕްރިޔަންކާ އަދި އަކްޝޭ އެންމެ ފަހުން އެކުގައި ފެނިގެން ގޮސްފައި ވަނީ 'ވަޤްތު: ރޭސް އަގައިންސްޓް ޓައިމް' އިންނެވެ.