އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓުގެ ވެރިރަށް ޗެންނާއީގެ ބަނދަރެއް ކައިރީގައި ދެ ކާގޯ ބޯޓު އެކްސިޑެންޓްވެ، ދެ ބޯޓުން ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް ލީކުވެއްޖެއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން، ކަނޑުގެ 32 ކިލޯމީޓަރުގެ ސަރަހައްދަކަށް ތެޔޮ ލީކުވިއެވެ.

ތެޔޮތައް އިއްޔެ ވަނީ، ޗެންނާއީގެ ގޮނޑުދޮށްތަކާ ހަމައަށް އައިސްފައެވެ. އެގޮތުން، ޗެންނާއީގެ މަޝްހޫރު މެރީނާ ބީޗާ ދިމާލުން ތެޔޮތައް ވަނީ ފެތުރިފައެވެ.

އެކްސިޑެންޓުވި ދެ ބޯޓުން ވެސް އުފުލަމުން ދިޔައީ ހަކަތައެވެ. އޭގެ ތެރޭގައި އެއް ބޯޓަކީ ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ބަރުކޮށްދެން ދިޔަ ބޯޓެކެވެ. އަނެއް ބޯޓަކީ ޕެޓްރޯލިއަމް އޮއިލް ލުބްރިކަންޓްސް ބަރުކޮށްގެން ދިޔަ ބޯޓެކެވެ.

ޗެންނާއީގެ އައްސޭރިން ތެޔޮތައް ނަގަނީ -- ފޮޓޯ/ ގެޓީ

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރާ ގޮތުގައި، މިއަދު ހެނދުނާ ހަމައަށް ޗެންނާއީ ކައިރިން 600 ޓަނުގެ ތެޔޮ ވަނީ ނަގައިފައެވެ.

އެހެން ނަމަވެސް ބާކީ މިހާރު ކަނޑުގައި ހުރީ ކިހާވަރެއްގެ ތެލެއްކަން ސާފެއް ނުވެއެވެ.

ކަނޑަށް އެޅިފައިވާ ތެޔޮތައް ނެގުމުގެ މަސައްކަތް ޓަމިލް ނާޑޫގެ ކަމާ ބެހޭ ފަރާތްތަކުން ކުރަމުންދާ އިރު، މި މައްސަލަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ވެސް ވަނީ ވައްދައިފައެވެ.

އެ މައްސަލަ ވެއްދީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖްޔާ ސަބާގައި މަޖިލިހުގައި ޓަމިލް ނާޑޫ ތަމްސީލުކުރައްވާ މެމްބަރު މުތުވެލް ކަރުނާނިދީ ކަނިމޯޅީއެވެ. ކަނިމޯޅީ މަޖިލީހުގައި އެ ހާދިސާގެ ވާހަކަ ދެއްކެވުމުގެ ސަބަބުން، މަޖިލީހުގައި ތިމާވެއްޓާ ބެހޭ ސްޓޭންޑިންގް ކޮމިޓީއިން ވަނީ ސުއޯ މޮޓޫ މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރަން ފަށައިފައެވެ.