ނޯވޭގެ ހުޅަނގު އައްސޭރީގައި، މަރުވެފައި އޮއްވައި ފެނުނު ބޮޑުމަހެއްގެ ބަނޑުތެރޭގައި 30 ޕްލާސްޓިކް ކޮތަޅާއި، އެހެނިހެން ޕްލާސްޓިކް ކުނި ފެނިއްޖެއެވެ.

އެސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނީ ކާވިއާސް ބީކްޑް ވޭލް ކިޔާ ބޮޑުމަހުގެ ވައްތަރެކެވެ.

ނޯވޭގެ ސޮޓްރާ ނަމަކަށް ކިޔާ ޖަޒީރާ ކައިރިން ފެނުނު މި ބޮޑުމަސް ފަޅާލައި، އޭގެ އެތެރެ ބެލިއިރު، ގިނަ އަދަދެއްގެ ޕްލާސްޓިކް ކުނި އޭގެ ބަނޑުތެރެއިން ފެނުނެވެ. ސައިންސްވެރިން ބުނީ، ދުނިޔޭގެ ކަނޑުތަކަށް ކުނި އަޅާ މިންވަރަށް ބަލާއިރު، މިއީ ހައިރާންވާ ކަމެއް ނޫން ކަމަށެވެ.

ސޮޓްރާ ޖަޒީރާ ކައިރިން ފެނުނު އެ ބޮޑުމަސް އޮތީ ދެރަ ހާލަތުގައެވެ. ރީސާޗަރުން ބުނަ ގޮތުގައި އެ މަސް މަރުވި އިރު ދިޔައީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންނެވެ.

ނޯވޭއިން ފެނުނު، މަރުވެފައި އޮތް ބޮޑުމަހުގެ ބަނޑުތެރެއިން ނެގި ޕްލާސްޓިކް ކޮތަޅުތައް -- ފޮޓޯ/ ޔުނިވާސިޓީ އޮފް ބެރްގެން

އެ މަސް ބެލި ޒޫއޮލޮޖިސްޓް ޑރ. ޓަރްޔަ ލިސްލެވަންދް ވިދާޅުވީ، ބޮޑުމަހުގެ ބަނޑުތެރެއިން ފެނުނު ޕްލާސްޓިކް ކޮތަޅުތަަކުގެ އިތުރުން ފެނުނު ޕްލާސްޓިކް ކުނިތަކުގައި ހުރީ އިނގިރޭސި، އަދި ޑެންމާކް ބަހުން ލިޔެފައިވާ ލިޔުންތަކެއް ކަމަށެވެ.

ޑރ. ލިސްލެވަންދް ވިދާޅުވީ، އެ ޕްލާސްޓިކް ކުނިތަކުގެ ސަބަބުން ބޮޑުމަހުގެ ގޮހޮރު އޮތީ ބެދިފައި ކަމަށާއި، އެ މަހަށް ދިޔައީ ވަރަށް ބޮޑަށް ވޭން އަޅަމުން ކަމަށެވެ.

"މިއީ ހައިރާންވާ ވަރުގެ ކަމެއް ނޫން. އެކަމަކު އެހާ ބޮޑު އަދަދަކަށް ކުނި، އެއް މަހުގެ ބަނޑުން ފެނުމަކީ ހިތާމަވެރި ކަމެއް،" ޑރ. ލިސްލެވަންދް ވިދާޅުވިއެވެ.

ލަފާކުރެވޭ ގޮތުގައި ދުނިޔޭގެ ކަނޑުތަކުގައި ފަސް ޓްރިލިޔަނަށް ވުރެ ގިނަ ޕްލާސްޓިކް ކުނިކޮޅު ވެއެވެ. އެތަކެތީގެ ސަބަބުން ކަނޑުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރުންތައް ކޮންމެ އަހަރަކުވެސް މަރުވެއެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި، 2050 ވަނަ އަހަރު ކުރިމަތިވާ އިރު، ކަނޑުގައި މަހަށް ވުރެ ގިނައިން ހުންނާނީ ޕްލާސްޓިކް ކުންޏެވެ.