އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި މީހުން އާބާދުކުރުމަށްޓަކައި، 2،000 އެއްހާ ގެ އެޅުމަށް އިސްރާއީލުން މިދިޔަ ހަފްތާގައި ހުއްދަ ދީފައި ވަނިކޮށް، އެ މަސައްކަތް މަޑުޖައްސާލުމަށް އެމެރިކާއިން އިސްރާއީލަށް އަންގައިފިއެވެ.

އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ޤުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ޤުދުސް) ހިފި އިރު، އިސްރާއީލުން ދަނީ އިރުމަތީ ޤުދުސްގައި އިސްރާއީލު މީހުން އާބާދު ކުރަމުންނެވެ. މިިދިޔަ ހަފްތާގައި އިރުމަތީ ގުދުސް އަދި ހުޅަނގު އައްސޭރީގައި ޖުމްލަ 2،500 ގެ އެޅުމުގެ ހުއްދަ އިސްރާއީލުން ދިނެވެ.

އެ ހުއްދަ ދިނީ ގެދޮރު ބޭނުންވެފައިވާ މީހުން ތިބުމުން ކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އަވިގްޑާ ލައިބާމަން ވިދާޅުވިއެވެ.

އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު އެމެރިކާގެ ވެރިކަމަށް އައިސްފައިވާ އިރު، ޓްރަމްޕަކީ އިސްރާއީލާ ވަރަށް ގާތް ބޭފުޅެކެވެ. އޭނާ ވަނީ، އިސްރާއީލުގެ އެމެރިކާ އެމްބަސީ ވެސް ޤުދުސްއަށް ބަދަލުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި އެގައުމުގެ މީހުން ގެދޮރުވެރިކުރަމުން ދާ ދިއުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު ދުވަސްވަރު އދގެ ސަލާމަތީ މަޖިލީހުން ނެގި ވޯޓު އެމެރިކާއިން ވީޓޯ ނުކުރުމުން، ޓްރަމްޕް ވަނީ ނުރުހުން ވެސް ފާޅު ކުރައްވައިފައެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިސްރާއީލުން އިރުމަތީ ގުދުސްގައި ގެދޮރު އެޅުމުގެ ހުއްދަ ދީ، އެ މަަސައްކަތް ފަށައިގަތުމަށް އުޅެނިކޮށް ރައީސް ޓްރަމްޕްގެ ވައިޓް ހައުސްއިން އިއްޔެ ވަނީ، އެކަން މަޑުޖައްސާލަން އިސްރާއީލަށް އަންގައިފައެވެ.

"އެތަނުގައި ގެތަކެއް ހުރުމަކީ ސުލްހައަށް އެޅޭ ހުރަހެއް ކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އެކަމަކު އިތުރަށް ގެދޮރު އެޅުމާއި، މިހާރު ހުރި ސަރަހައްދުން ބޭރުގައި ވެސް އެތަންތަން އެޅުމަކީ ސުލްހަވެރި ހައްލެއް ހޯދުމަށް އެހީތެރިވާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ވައިޓް ހައުސްގެ ބަޔާނުގައި ބުނެއެވެ.

އެ ބަޔާނުގައި ބުނީ، އިސްރާއީލުން ފަލަސްތީނުގައި މީހުން އާބާދުކުރުމުގެ މަސައްކަތާ މެދު ރައީސް ޓްރަމްޕްގެ ސަރުކާރުގެ ފަރާތުން ނަގާ ވަކި ރަސްމީ ސްޓޭންޑެއް ނިންމާފައި ނުވާ ކަމަށާއި، އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާއަށް ވަޑައިގެންނެވުމުން އެކަމާ މެދު މަޝްވަރާ ކުރެވޭނެ ކަމަށެވެ.

އިސްރާއީލުން 1967 ވަނަ އަހަރު ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސް ހިފި ފަހުން އެސަރަހައްދުތަކުގައި އާބާދު ކޮށްފައިވާ ޔަހޫދީންގެ އަދަދު 500،000 އަށް ވުރެ އިތުރެވެ.

ނަވާރަސަތޭކަ ސާޅީހުގެ އަހަރުތަކުގައި ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފެއްދި އިރު، ފަލަސްތީނަށް ދިނީ ހުޅަނގު އައްސޭރިއާއި ޣައްޒާ އެވެ. ޤުދުސް ނުވަތަ ޖެރޫސަލެމް ސިޓީ ދެބައިކޮށް، ދެގައުމަށް ވެސް އެ ސިޓީގެ ބައެއް ދެވުނެވެ. އިސްރާއީލަށް ހުޅަނގު ގުދުސް ލިބުނު އިރު، ފަލަސްތީނަށް ލިބުނީ އިރުމަތީ ގުދުސްއެވެ.

އިރުމަތީ ޤުދުސްގައި، އިސްލާމް، ނަސާރާ އަދި ޔަހޫދީ ދީނުގެ މުގައްދަސް ބިނާތައް ހުރެ އެވެ. އޭގެ ތެރޭގައި މަސްޖިދުލް އަގްސާ އަދި ޔަހޫދީންގެ މުގައްދަސް ބިނާއެއް ކަމުގައިވާ ހުޅަނގު ފާރު ނުވަތަ ވެސްޓަން ވޯލް ހިމެނޭ އިރު، މި ދެ ބިނާ ހުންނަނީ ދެ ދީނުގެ ވެސް މުގައްދަސް ސަރަހައްދެއް ކަމުގައިވާ، ޓެމްޕަލް މައުންޓް ނުވަތަ ޙަރަމް އަލް ޝަރީފްގައެވެ. މީގެ އިތުރުން، ޙަރަމް އަލް ޝަރީފްއަކީ ނަސާރާއިންނަށް ވެސް މުގައްދަސް ތަނެކެވެ.

ނަވާރަސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އަރަބި އިސްރާއީލީ ހަނގުރާމައިގެ ތެރެއިން، އިސްރާއީލުން ވަނީ ޤުދުސްގެ، ފަލަސްތީނުގެ ފަޅި (އިރުމަތީ ޤުދުސް) ހިފައިފައެވެ. އެއާ އެކު މަސްޖިދުލް އަގްސާ ވެސް ހިމެނޭ ގޮތަށް، ގުދުސްގެ ގަދީމީ ޝަހަރު (ބަލްދަ އަލް ޤަދީމާ) ދިޔައީ އިސްރާއީލުގެ ދަށަށެވެ. މީގެ އިތުރުން ފަލަސްތީނަށް ލިބުނު ބިމެއް ކަމުގައިވާ، ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)ގެ ބޮޑު ބައެއްވެސް އިސްރާއީލުން ވަނީ ހިފައިފައެވެ.