އަރަބި ލީގަށް އެނބުރި އައުމުގެ ފުރުސަތު ސޫރިޔާ ސަރުކާރަށް އެބައޮތްކަމަށް ވިދާޅުވެ އަރަބިލީގުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލްޣައިތު އިއްޔެ ވަނީ ވާހަކަ ދައްކަވާފައެވެ.

ރަޝިޔާ ޓުޑޭ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަބުލްޣައިތު ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމަފެށި ދުވަސްވަރު އަރަބިލީގުގެ މެންބަރުކަމުން ސޫރިޔާ ވަގުތީގޮތުން ވަކިކުރީ އަރަބި ގިނަ ގައުމުތަކެއް އެކަމަށް ބޭނުންވެގެންކަމުގައެވެ. ނަމަވެސް ސޫރިޔާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ މައްޗަށް ސޫރިޔާ ސަރުކާރުން ހަލަބްގައި ހޯދި ކާމިޔާބީތަކާއެކު ސޫރިޔާގެ ހަނގުރާމައިގެ ތިލަފަތް ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރުކޮޅަށް ބަރުވެފައިވާތީ މިހާލަތަށް ރިޢާޔަތްކޮށް އަރަބި ލީގަށް ސޫރިޔާ އަލުން ގެނައުމުގެ ވިސްނުން އަރަބި ގިނަ ގައުމުތަކުން ފާޅުކުރަން ފަށާފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.

އަރަބިލީގުގެ ސެކްރެޓަރީ ޖެނެރަލް އަބުލްޣައިތު މިމޭރުމުން ވާހަކަ ދެއްކެވީ އަރަބި ލީގަށް އެނބުރި އައުމުގެ ފުރްސަތު ސޫރިޔާ ސަރުކާރަށް ދިނުމަށް އަރަބިންނަށް އިލްތިމާސް ކުރައްވައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް މިދިޔަ ބުދަދުވަހު ޔުނައިޓެޑް އަރަބް އިމަރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދަބީ ގައި ވާހަކަ ދައްކަވާފައި ވަނިކޮށެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ޔޫއެއީގެ ޚާރިޖީ ވަޒީރާއި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްއާއެކު އަބޫދަބީގައި ވާހަކަ ދައްކަވަނީ

އަބޫދަބީގައި ބޭއްވި ފޯރަމެއްގައި ލާވްރޯވް މިމޭރުމުން ވާހަކަ ދެއްކެވީ ޔޫއޭއީ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު އާއި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު އަބުލްޣައިތުގެ ޙާޒިރުގައެވެ. ޔޫއޭއީ އަކީ 2011 ވަނަ އަހަރު އަރަބި ލީގުން ސޫރިޔާ ވަގުތީ ގޮތުން ވަކިކުރުމަށް ސައޫދީ އަރަބިޔާއާއި ގަތަރާއެކު އެންމެ ބޮޑަށް މަސައްކަތްކުރި އެއްގައުމެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް މާލީގޮތުންނާއި ހަތިޔާރުގެ ގޮތުންނާއި ތަމްރީނާއި ލޮޖިސްޓިކްސްގެ ގޮތުން އެންމެ ބޮޑަށް އެހީތެރިވާ ތިންގައުމެވެ. މިތިން ގައުމުގެ އިތުރުން ސޫރިޔާގެ ހަތިޔާރުއެޅި ޖަމާއަތްތަކަށް އެހީތެރިވަނީ އެމެރިކާއާއި ތުރުކީއާއި ޔޫރަޕްގެ ބައެއް ގައުމުތަކެވެ.

ސޫރިޔާ ވަގުތީ ގޮތުން އަރަބި ލީގުން ބޭރުކުރުމަށް ބޭނުންވާ ވޯޓު، 2011ގައި ހޯދީ ޔޫއޭއީ އާއި ސައޫދީ އާއި ގަތަރުން އަރަބި އެހެންގައުމުތަކަށް އެތަށް ސަތޭކަ މިލިޔަން ޑޮލަރެއްގެ ފައިސާގެ އެހީ ދީގެން ކަމަށް އެދުވަސްވަރުގެ ރިޕޯޓްތަކުން ހާމަވެފައިވެއެވެ. އެދުވަސްވަރު މިސްރުގައިވެސް ވެރިކަން ކުރީ އިޚްވާނުލްމުސްލިމޫން ޖަމާއަތަށް ނިސްބަތްވާ ޑރ. މުހައްމަދު މުރްސީ ކަމުން އެދުވަސްވަރު މިސްރުގެ ސަރުކާރުވެސް އޮތީ ސޫރިޔާ އާ ދެކޮޅަށެވެ.

ނަމަވެސް އަސްކަރީ އިންގިލާބެއްގައި މުރުސީގެ ވެރިކަން ފުރޮޅާލުމަށްފަހު މިސްރުގެ ވެރިކަމަށް އަބްދުލްފައްތާޙް އައްސީސީ އިންތިޚާބުވެ ވަޑައިގަތުމުން މިސްރުންވަނީ ސޫރިޔާއާމެދު ކުރިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށް ސޫރިޔާއާއި އެކިގޮތްގޮތަށް ގުޅުންތައް ބާއްވަން ފަށާފައެވެ.

ޔޫއޭއީ އާއި ސައޫދީ އާއި ގަތަރުން ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ސޫރިޔާގެ ހަތިޔާރުއެޅި ޖަމާއަތްތަކަށް އެހީތެރިވަނީ އީރާނުގެ ބާރާއި ނުފޫޒު ބައްޝާރުގެ ސަރުކާރަށް ހިނގާތީ އީރާނުގެ ނުފޫޒު ލުބްނާނާއި ސޫރިޔާއިން ކަނޑުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް މިދިޔަ އަހަރު ބައްޝާރުގެ ވެރިކަމުގެ ދިފާއުގައި ރަޝިޔާ ސޫރިޔާގެ ހަނގުރާމައިގެ ތެރެއަށް ވަރަށް ވަރުގަދައަށް ވަނުމުންނާއި ސޫރިޔާއާމެދު މިހާތަނަށް ތުރުކީގެ ސިޔާސަތުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނައުމުން ބައްޝާރުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ހަތިޔާރުއެޅި މެދުމިނުގެ ޖަމާއަތްތަކާއި އައިއެސްއާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަވަނީ މިދިޔައަހަރު ފަހުކޮޅު ހަލަބްގެ ހަނގުރާމައިގާ ވަރަށް ބޮޑަށް ބަލިވެފައެވެ. އަދި ރަޝިޔާއާއި އީރާނުގެ އެހީއާއެކު ސޫރިޔާ ސިފައިންވަނީ ހަލަބް މިނިވަންކޮށް ބައްޝާރުގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެރަށް އަލުން ގެނަސްފައެވެ.

ސޫރިޔާ ސަރުކާރުގެ މިކާމިޔާބީ ތަކާއެކު ތުރުކީއާއި ރަޝިޔާއާއި އީރާން އެއްގަލަކަށް އަރައި ސޫރިޔާގެ މަސްރަހު އެހެން ގޮތަކަށް މިހާރު ބަދަލުކޮށްލުމާގުޅިގެން ޔޫއޭއީ އާއި ސައޫދީ އާއި ގަތަރުގެ ނުފޫޒު ސޫރިޔާގައި މިހާރުވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އަދި ތުރުކީއާއި ރަޝިޔާއާއި އީރާން ގުޅިގެން ކުރިޔަށްގެންދާ ސޫރިޔާގެ ސުލްޙައިގެ ކަންތައްތަކުގައިވެސް ޔޫއޭއީ އާއި ސައޫދީ އާއި ގަތަރުގެ އެއްވެސް ދައުރެއްނެތްކަން ވަނީ ހާމަވެފައެވެ. މިއާއެކު ސޫރިޔާ އަލުން އަރަބި ލީގަށް ގެނައުމާމެދު ޔޫއޭއީ މިހާރު އިއުތިރާޒް ނުކުރާ ކަމުގެ ރިޕޯޓްތަކެއް ވަނީ ފެންމަތިވެފައެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ޔޫއެއީގެ ޚާރިޖީ ވަޒީރާއި އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލްއާއެކު އަބޫދާބީގައި ވާހަކަ ދައްކަވަނީ

އަރަބި ލީގަށް އެނބުރި އައުމުގެ ފުރްސަތު ސޫރިޔާ ސަރުކާރަށް ދިނުމަށް އަރަބިންނަށް އިލްތިމާސް ކުރައްވައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އަބޫދާބީގައި ވާހަކަ ދެއްކެވުމުންވެސް ޔޫއޭއީ ގެ ޚާރިޖީ ވަޒީރު އެކަމަށް އެއްވެސް ވަރަކަށް ދެކޮޅު ހައްދަވާފައެއް ނުވެއެވެ.

ސޫރިޔާ ސަރުކާރުންވަނީ އަރަބި ލީގަކީ ގަލްފުގެ މުއްސަނދި ގައުމުތަކުގެ ބާރާއި ނުފޫޒު ހިނގާ ތަނެއްކަމަށް ބުނެ އަލުން އެނބުރި އަރަބި ލީގަށް އަންނަން ބޭނުން ނުވާކަން ކުރިން ހާމަކޮށްފައެވެ. ސޫރިޔާގެ މަސްއޫލުވެރިއަކު މީގެކުރިން މިމޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސޫރިޔާގެ ރަސްމީ މީޑީޔާ އިން މިދިޔަ ބުރާސްފަތު ދުވަހުވަނީ އަރަބި ލީގަކީ ބޭކާރު ތަނެއްކަމަށް ބުނެ އެއީ ވަކި ގައުމުތަކެއް އެގައުމުތަކުގެ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން ގެންދާ ޒަމާނާނުގުޅޭ ޖަމިއްޔާއެއްކަމަށް ސިފަކޮށްފައެވެ.

އަރަބި ލީގަކީ އަރަބި ގައުމުތަކުގެ ސަރަހައްދީ ޖަމިއްޔާ ކަމަށްވީނަމަވެސް އަރަބިންގެ އެއްވެސް މައްސަލައެއް އެއްވެސް އިރެއްގައި އަރަބި ލީގަށް ހައްލުކުރެވިފައެއް ނުވެއެވެ. މީގެއިތުރުން އަރަބި ލީގަކީ ޔޫރަޕްގެ އިއްތިޙާދާއި އާސިޔާން ފަދައިން ސަރަހައްދީ ވިޔަފާރިއާއި އެއްބައިވަންތަކަމާއި މެންބަރު ގައުމުތަކުގެ ކުރިއެރުމަށް މަސައްކަތް ކުރެވޭފަދަ އޮނިގަނޑެއްގައި އޮތް ޖަމިއްޔާއެއްވެސް ނޫނެވެ. އަދި އަރަބި ލީގުން ނިންމާ ނިންމުންތަކަކީ ޚުދު އަރަބި ގައުމުތަކުންވެސް އެއަށް މާބޮޑު އިހްތިރާމެއްކުރާ ނިންމުންތަކެއްނޫނެވެ.