މިޔަންމާއަށް ނިސްބަތްވާ ރޮހިންގްޔާ ދަރިކޮޅުގެ ރެފިއުޖީންނަށް މެލޭޝިއާގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމަށް މެލޭޝިއާގެ ސަރުކާރުން ނިންމައިފި އެވެ.

ރޮހިންގްޔާ ނަސްލުގެ މީހުންނަކީ މިޔަންމާގެ ރާކީން ސްޓޭޓަށް ނިސްބަތްވާ ބައެކެވެ. އެ ނަސްލުގެ މީހުންނަށް މިޔަންމާގެ ހައްދުފަހަނަ އެޅި ބުދިސްޓުންނާއި ސަރުކާރުގެ ފަރާތުން ލާއިންސާނީ އަނިޔާއާއި ޖަރީމާތައް ހިންގަމުންދާ އިރު، އެކަންކަމުން ސަލާމަތް ވުމަށް ރޮހިންގްޔާ ދަރިކޮޅުގެ މީހުން ދަނީ ކަނޑު އުޅަނދުފަހަރާއި އެހެނިހެން ގޮތްގޮތަށް ވެސް މިޔަންމާގެ ބިމުން ނުކުމެގެން ރައްކާތެރި ހިސާބުތަކަށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

މެލޭޝިއާ ސަރުކާރުން އިއްޔެ ވަނީ، ރޮހިންގްޔާ ރެފިއުޖީންނަށް މެލޭޝިއާގައި ހުއްދައާ އެކު ވަޒީފާ އަދާކުރެވޭނެ މަގު ފަހިކޮށްދޭނެކަން އިއުލާން ކޮށްފަ އެވެ.

އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ފަހު، މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު، އަދި ހޯމް މިނިސްޓަރު އަހްމަދު ޒާހިދު ހާމިދީ އިއްޔެ ވިދާޅުވީ، ރޮހިންގްޔާ ދަރިކޮޅުގެ ރެފިއުޖީންނަށް މެލޭޝިއާގައި ވަޒީފާ ދިނުމަށް ހިންގޭނީ ޕައިލެޓް ޕްރޮޖެކްޓެއް ކަމަށާއި އެކަން ފަށާނީ މާޗު މަހުން ފެށިގެން ކަމަށެވެ.

ޕައިލެޓް ޕްރޮޖެކްޓަކީ އަޖުމަ ބެލުމުގެ ގޮތުން ހިންގާ މަސައްކަތެވެ. އެކަން ކާމިޔާބުވެ، އުންމީދުކުރި ނަތީޖާތައް ނެރެވިއްޖެ ނަމަ، އެކަން ފުޅާ ކުރަނެ އެވެ.

މެލޭޝިއާގެ ހޯމް މިނިސްޓަރު ޒާހިދު ހާމިދީ ވިދާޅުވީ، މެލޭޝިއާގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނީ ރޮހިންގްޔާ ދަރިކޮޅުގެ މީހުންގެ ތެރެއިން، ޔޫއެންއެޗްއާރުސީގެ ކާޑުހޯލްޑަރުންނާއި، ހެލްތު އަދި ސެކިއުރިޓީ ސްކްރީނިންގް ހަދާފައިވާ މީހުންނަށް ކަމަށެވެ.

އަދި އެ މަރުހަލާއިން ފާސްވާ ފަރާތްތައް، ދަނޑުވެރިކަމާއި މެނުފެކްޗަރިންގް އިންޑަސްޓްރީގެ ކުންފުނިތަކަށް ވަޒީފާއަށް ފޮނުވާނެ ކަމަށް މިނިސްޓަރު ހާމިދީ ވިދާޅުވި އެވެ.

"އެހެން ގައުމަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރުމުގެ ކުރިން، އެމީހުންނަށް ކޮންމެވެސް ވަރެއްގެ އާމްދަނީއަކާއި ހުނަރުތަކެއް މިކަމުން ލިބިގެން ދާނެ،" މިނިސްޓަރު ޒާހިދު ހާމިދީ ވިދާޅުވި އެވެ.

އަދި މި މަސައްކަތުގެ ސަބަބުން ހިއުމަން ޓްރެފިކިންގްގެ މައްސަލަ ހައްލުކޮށް، ރޮހިންގްޔާ ދަރިކޮޅުގެ މީހުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވުމާއި، މެލޭޝިއާގައި ބޭރު މީހުން ހުއްދަ ނެތި މަސައްކަތް ކުރާ މައްސަލައަށް ވެސް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެލޭޝިއާގައި، ޔޫއެންއެޗްސީއާރުގެ ކާޑް ހޯލްޑަރުންގެ ގޮތުގައި 62 ގައުމަކުން 150،000 އަށް ވުރެ ގިނަ މީހުން އުޅޭ އިރު، އޭގެ ތެރެއިން 90 ޕަސަންޓު މީހުންނަކީ މިޔަންމާ މީހުންނެވެ. އަދި 56،000 މީހުންނަކީ ރޮހިންގްޔާ ނަސްލުގެ މީހުންނެވެ.

މެލޭޝިއާގައި މިހާ ބައިވަރު ރޮހިންގްޔާ ރެފިއުޖީން އުޅޭ ނަމަވެސް، މެލޭޝިއާގެ ހޯމް މިނިސްޓަރުގެ ނައިބު ނޫރު ޖަޒްލާން ވިދާޅުވީ، ވަޒީފާ އަދާކުރުމަށް އޭގެ ތެރެއިން މާ ގިނަ ބަޔަކު ބޭނުން ނުވާ ކަމަށެވެ. އެގޮތުން، މެލޭޝިއާ އިން ހިންގަން އުޅޭ ޕައިލެޓް ޕްރޮގްރާމުގެ ދަށުން ވަޒީފާ ހޯދުމަށް ޝައުގުވެރިކަން ފާޅުކުރީ އެންމެ 120 ވަރަކަށް ރޮހިންގްޔާ މީހުން ކަމަށް ނައިބު މިނިސްޓަރު ވިދާޅުވި އެވެ.

"ރޮހިންގްޔާ މީހުން ބޭނުން ވަނީ އެމީހުންގެ އަމިއްލަ ކޮމިއުނިޓީ ތެރޭގައި އުޅެން. އަމިއްލަ މުޖުތަމައުގެ ތެރޭގައި، އަމިއްލައަށް ކުދި ވިޔަފާރިތައް ހިންގަން ބޭނުންވަނީ. ދަނޑުވެރިކަމުގެ މަސައްކަތް ކުރާކަށް އެމީހުން ނޭދޭ،" ހޯމް މިނިސްޓަރުގެ ނައިބު ނޫރު ޖަޒްލާން ވިދާޅުވި އެވެ.