މިދިޔަ އަހަރު އެންމެ ބާރަށް ދެކެވުނު ވާހަކަ އަކީ އެކްޓަރު އުދޭ ޗޯޕްރާ އާއި ނަރްގިސް ފަޚްރީގެ ގުޅުމުގެ ވާހަކައެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ޚަބަރުތައް ބުނަމުން ދިޔަ އިރު ނަރްގިސް އަދި އުދޭ ވެސް ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ.

އެންމެ ފަހުން ދެން ފެތުރު ހަބަރަކީ ދެ މީހުންގެ ކައިވެނީގެ ހުރިހާ ކަމެއް ނިމިފައި ވަނިކޮށް އުދޭ ކައިވެންޏަށް އިންކާރު ކުރި ވާހަކައެވެ. އަދި އެއާއެކު ނަރްގިސް އެނބުރި ނިއު ޔޯކަށް ފުރި ވާހަކައެވެ.

ނަރްގިސް ނިއު ޔޯކަށް ގޮސްފައި ވަނީ ފިލްމު "އަޒްހަރު" އަދި "ހައުސްފުލް 3" ގެ ޕްރޮމޯޝަންގެ ތެރެއިންނެވެ. އެއްވެސް ޕްރޮމޯޝަނެއްގައި ނަރްގިސް ބައިވެރިވެފަ އެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުން ނަރްގިސް އެނބުރި ނިއު ޔޯކަށް ދިޔައީ ހިތް ކުދި ކުދި ވެގެންނެވެ. އަދި އެނބުރި އިންޑިއާއަށް ނާންނަ ގޮތަށެެވެ.

ނަމަވެސް ނަރުގިސްގެ ތަރުޖަމާނު ބުނެފައި ވަނީ ނަރުގިސް އެނބުރި ނިއު ޔޯކަށް ދިޔައީ ސިއްހީ މައްސަލަތަކެއް ދިމާވުމުގެ ސަބަބުން ކަމަށާއި ތިން ފިލްމުގެ މަސައްކަތް އެއް ފަހަރާ ކުރަން ޖެހުމުގެ ސަބަބުން ނަރުގިސް ވަރަށް ބޮޑަށް ސްޓްރެސް ވެފައިވާ ކަމަށާއި، އަދި ސިއްހީ ގޮތުންވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

އޭގެ ފަހުން ދެމީހުންގެ ގުޅުމުގެ ވާހަކަތައް މަދުވެފައި ވީނަމަވެސް، އަނެއްކާ މިވަނީ ވާހަކަތައް ދެކެވެން ފަށައިފައެވެ. ނަރްގިސް އާއި އުދޭގެ ގުޅުމުގެ ވާހަކަ އަލުން ފެށިފައި މިވަނީ އުދޭ ކުރި ޓުވީޓަކާ ގުޅިގެންނެވެ.

އުދޭ ވަނީ އިއްޔެ ކުރި ޓުވީޓެއްގައި އޭނާ އާއެކު ރޯމަށް ދާން ބޭނުންތޯ ނަރިގިސް ކުރެ އަހައިފައެވެ.

އުދޭ ކުރި ޓުވީޓުގައި ބުނެފައި ވަނީ "އޭޕްރީލް ގައި ރޯމަށް ދާން ބޭނުން. ނަރްގިސް އަހަންނާ އެކު ދާނަންތަ؟" އެވެ.

އެއާއެކު ދެ މީހުން އަލުން ގުޅިފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. ނަމަވެސް އުދޭގެ ޓުވީޓަށް ނަރްގިސް އަދި ޖަވާބު ދީފަ އެއް ނުވެއެވެ.