26 Jun 2011, 13:19
ހއ. ފިއްލަދޫ ރަށު ކައުންސިލްގެ ރައީސް ކަމަށް އަލަށް އިންތިހާބުކުރި ރައީސާ ކައުންސިލްގެ އިދާރާގެ ތަޅުދަނޑި ވަގުތުން ހަވާލުކުރަން އެ ކައުންސިލްގެ ކުރީގެ ރައީސް މުހަންމަދު ވިޖާންގެ މައްޗަށް އަމުރެއް ނެރުމަށް ފިއްލަދޫ ކައުންސިލުން އެ ރަށު މެޖިސްޓްރޭޓް ކޯޓުގައި އެދެފި އެވެ.
ކައުންސިލްގެ ރައީސްކަމަށް އަލަށް އިންތިހާބުކުރެއްވެވި ޑީއާރްޕީގެ މެންބަރު އާދަމް އިނާޒް މިއަދު ވިދާޅުވީ ކައުންސިލުން އޭނާ، ރައީސްގެ މަގާމަށް އިންތިހާބޮށް ތިން ދުވަސްވީ އިރުވެސް އިދާރާގެ ތަޅުދަނޑި، ވިޖާން، އޭނާއާ ހަވާލު ކުރައްވާފައި ނުވާތީ ތަޅުދަނޑި ހޯދުމުގެ ކޯޓު އަމުރަކަށް އެދުނީ މިއަދު ހެދުނު ކަމަށެވެ.
"އަޅުގަނޑުމެން މި އެދެނީ ކައުންސިލުން ވިޖާންގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލަލައިގައި ކޯޓުން ވަކި ގޮތެއް ނިންމަންދެން ތަޅުދަނޑި ވަގުތުން ހަވާލުކުރުމަށް، ވިޖާންގެ މައްޗަށް ކޯޓު އަމުރެއް ނެރެދިނުމަށް،" އިނާޒް ވިދާޅުވި އެވެ.
ފިއްލަދޫ ކައުންސިލުން ވިޖާންގެ މައްޗަށް ކޯޓު އަމުރެއް ނެރެދިނުމަށް އެދުނު އިރު ވިޖާން ވެސް ވަނީ އޭނާގެ މައްޗަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކީ ގަވާއިދާ ހިލާފަށް ނަގާފައިވާ ވޯޓެއް ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފަ އެވެ.
ފިއްލަދޫ ކައުންސިލުގެ އާ ރައީސް ވިދާޅުވީ ކުރީގެ ރައީސްގެ އަތްޕުޅުގައި ތަޅުދަނޑި އޮތް ނަމަވެސް އޮފީސް ހުޅުވުމާއި ލެއްޕުމުގައި ދަތިކަމެއް ނެތް ކަމަށެވެ. ނަމަވެސް ވިޖާނަކީ އަދިވެސް ކައުންސިލްގެ ރައީސްކަމަށް ގަބޫލުފުޅުކުރައްވައިގެން ހުންނަވާތީ ރަށުގެ ކައުންސިލްގެ އިދާރީ މަސައްކަތްތައް ހުއްޓިފައިވާކަމަށެވެ. ކައުންސިލުން ނިންމާފައިވާނީ އިދާރާގެ ތަޅުދަނޑި އެއިރެއްގައި ހުންނަ އެންމެ އިސްވެރިއެއްގެ އަތުގައި ބާއްވަވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވިޖާން އިއްޔެ ވިދާޅުވެފައިވަނީ އޭނާ އަކީ އަދިވެސް ކައުންސިލްގެ ރައީސް ކަމަށާއި ކައުންސިލްގެ ތަޅުދަނޑި އަކީ ރައްޔިތުން އޭނާ އާއި ހަވާލުކޮށްފައިވާ އަމާނާތެއް ކަމަށެވެ.
ކުރިން ނައިބު ރައީސް ކަމުގެ މަގާމު ފުރުއްވަމުން ގެންދެވި އިނާޒް، ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ކައުންސިލްގެ ޖަލްސާގަ އެވެ.
ކައުންސިލްގެ ތަޅުދަނޑި ދޫކޮށްލައްވަން ވިޖާން އިންކާރު ކުރައްވާ މައްސަލަ ކައުންސިލުން މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަޙަޅާފަ އެވެ.