އަޔާން މުކަރްޖީގެ ކުރިއަށް އޮތް ފިލްމު 'ޑްރެގަން' ގެ ޝޫޓިން އަދިވެސް ނުފެށެއެވެ. ފިލްމުގެ ކާސްޓު ހަމަޖެހިފައި ވީނަމަވެސް، ފިލްމުގެ ޝޫޓިން ނުފެށި ލަސްވަނީ ކީއްވެ ކަމާމެދު ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޑްރެގަން އަކީ ރަންބީރު ކަޕޫރު އަދި އާލިއާ ބަޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެހެންކަމުން އެ ފިލްމަށް އިންތިޒާރު ކުރަމުން އަންނަ މީހުން ވެސް ގިނައެވެ.

ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޑައިރެކްޓަރު އަޔާން މުކަރްޖީ ބުނީ ފިލްމުގެ ޝޫޓިން ފަށަން މިހާރު ހަމަޖެހިފައި ވަނީ މި އަހަރުގެ އޮގަސްޓު މަހުގައި ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ފެށިފައި ނުވަނީ ރަންބީރު އިތުރު ފިލްމެއްގެ މަސައްކަތް ކުރަމުން އަންނާތީ ކަމަށް އަޔާން ބުންޏެވެ.

"ރަންބީރު ވަނީ ބުނެފައި ސަންޖޭ ދަތުގެ ބަޔޮޕިކް އަދި ޑްރެގަންގެ މަސައްކަތް އެކީގައި ނުކުރާނެ ކަމަށް. މިހާރު ވަނީ ބަޔޮޕިކްގެ ޝޫޓިން ފަށާފައި. އެ ފިލްމުގެ މަސައްކަތް ނިމޭނީ އޮގަސްޓު މަހު. އޭރުން ޑްރެގަންގެ ޝޫޓިން ފަށާނީ،" އަޔާން ބުންޏެވެ.

'ޑްރެގަން' އަކީ ސުޕަހީރޯ ފިލްމެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، އެ ފިލްމަކީ ރޮމޭންޓިކް ފެންޓަސީއެއް ކަމަށް އަޔާން ވަނީ ބުނެފައެވެ.