03 Feb 2017, 10:15
ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް، ރާޖްކުމާރު ހިރާނީ ޑައިރެކްޓުކޮށް އުފައްދާ ފިލްމަށް، ފިލްމުގެ ލީޑު އެކްޓަރު ރަންބީރު ކަޕޫރު ބަރުދަން ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ.
ޚަބަރުތައް ބުނާގޮތުން ސަންޖޭގެ ރޯލު އަދާ ކުރުމަށް ރަންބީރު ވަނީ ބަރުދަން 13 ކިލޯ އިތުރު ކޮށްފައެވެ.
އެ ފިލްމުގައި ސަންޖޭގެ ހަޔާތުގެ ތިން ދައުރެއް ދައްކުވައިދޭ އިރު، ތިން ދައުރަށް ރަންބީރުގެ ހަށިގަނޑު ވެސް ބަދަލު ކުރަން ޖެހެއެވެ. އެއީ ސަންޖޭގެ ޅަ ދުވަސްވަރާއި، ފިލްމީ ދާއިރާގައި ހޭދަކުރި ދުވަސްތަކުގެ އިތުރުން ރިހެބްގައި ހޭދަކުރި ދުވަސްތަކެވެ.
ހަށިގަނޑު ވަރުގަދަ ކުރުމަށް ރަންބީރު އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ގަވައިދުން ކޮންމެ ދުވަހަކު ކަސްރަތު ކުރުމާއި، ކެއުމުގައި ތަރުކާރީ އާއި ޕްރޮޓީން ލިބޭ ކާނާ އިތުރު ކުރުން ހިމެނެއެވެ.
އެ ފިލްމު ވެގެންދާނީ، ފިލްމަކަށް ރަންބީރުގެ ހަށިގަނޑަށް އެހާބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރަށެވެ.
ފިލްމުގެ ޝޫޓިން މިހާރު ފަށައިފައި ވާއިރު، ރަންބީރުގެ އިތުރުން ދެން ފިލްމުން ފެނިގެން ދާނީ ސޯނަމް ކަޕޫރު، ވިކީ ކޯޝަލް އަދި ޕަރޭޝް ރާވަލެވެ. އޭގެ އިތުރުން، އެކްޓްރެސް އަދި ޕްރޮޑިއުސަރު ދިއާ މިރްޒާ ވެސް މިހާރު ވަނީ ފިލްމަށް ސޮއިކޮށްފައެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، ސަންޖޭގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގައެވެ.
ސަންޖޭގެ ބަޔޮޕިކްގައި ފެނިގެންދާނީ އޭނާ މަޝްހޫރުވި ގޮތާއި ބޮމުގެ ހާދިސާ އާއި ގުޅިގެން އޭނާގެ ކެރިއަރަށް އައި ބަދަލާއި އަދި ޖަލުގައި ހޭދަކުރި ދުވަސްތަކެވެ.
ސަންޖޭ ވަނީ ޖަލުގައި ހުރި އަހަރުތަކުގައި ވެސް ބައެއް ފިލްމުތަކުގެ މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި 'އުންގްލީ'، 'ޕޮލިސްގިރީ' އަދި 'ޕީކޭ' ހިމެނެ އެވެ. ސަންޖޭ މިހާރު އަންނަނީ ޑައިރެކްޓަރު އޮމަންގް ކުމާރުގެ ކުރިއަށް އޮތް ފިލްމު 'ބޫމީ' އާއި އެކު ފިލްމީ ދާއިރާއާ އަލުން ގުޅުމަށް ތައްޔާރުވަމުންނެވެ.