03 Feb 2017, 10:30
ދުނިޔޭގެ މަޝްހޫރު އަދި މަގުބޫލު ފެޝަން ބްރޭންޑް "ރެލްފް ލޯރެން"ގެ ވެރިޔާ ރެލްފް ލޯރެންއާ ޚިޔާލު ތަފާތުވުންތަކެއް އުފެދި، އެކުންފުނީގެ ސީއީއޯ ސްޓެފާން ލާސަން އެމަގާމުން އިސްތިއުފާ ދިނުމަށް ނިންމައިފިއެވެ.
ރެލްފް ލޯރެން ގްރޫޕުގެ ފައުންޑިންގް ޗެއާމަން އަދި ޗީފް ކްރިއޭޓިވް އޮފިސަރ (ސީސީއޯ)އަކީ، ކުންފުނީގެ ނަން ނިސްބަތްވާ އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ފެޝަން ޑިޒައިނަރ ރެލްފް ލޯރެންއެވެ.
ދެހާސް ފަނަރަވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ކުންފުނީގެ ސީއީއޯކަން ވެސް ކުރެއްވީ ރެލްފް ލޯރެންއެވެ. ދެހާސް ފަނަރައިގެ ނޮވެމްބަރުގައި ސީއީއޯކަމަށް ސްވީޑެންގެ ސްޓެފާން ލާސަން ހަމަޖެހިގެން ދިޔައެވެ.
ނަމަވެސް މަގާމު އަދާކުރާތާ ދެ އަހަރު ނުވަނީސް، ލާސަން ވަނީ އޭނާ އިސްތިއުފާ ދެއްވަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.
ރެލްފް ލޯރެން ގްރޫޕުގެ ޗެއާމަން ރެލްފް ލޯރެން ވިދާޅުވީ، ސްޓެފާން އިސްތިއުފާ ދެއްވުމަށް ނިންމީ، އޭނާއާ ޚިޔާލު ތަފާތުވެގެން ކަމަށެވެ.
ޚިޔާލު ތަފާތުވުން އުފެދުނީ ކުންފުނީގެ ކްރިއޭޓިވް މަސައްކަތްތަކާއި، ވިޔަފާރީގައި ކޮންސިއުމަރުންނާ މުއާމަލާތް ކުރާ ގޮތް ތަރައްގީ ކުރާނެ ގޮތާ މެދު ކަމަށް ލޯރެން ވިދާޅުވިއެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން، ސީއީއޯ ސްޓެފާން ލާސަން މަގާމުން ވަކިވެވަޑައިގަންނަވާނީ މެއި މަހުގެ އެއްވަނަ ދުވަހުއެވެ.
ވިޔަފާރީގެ މަޝްރަހު ދިރާސާކުރާ، ކަމުގެ މާހިރުން ވިދާޅުވާ ގޮތުން މިކަމުން ދޭހަވަނީ ކުންފުނީގެ ވެރިޔާ ބޭނުން ގޮތް ނޫން އެހެން ގޮތެއް ހެދުމުގެ ފުރުސަތު، އެކުންފުނީގެ ނިންމުންތައް ނިންމާ އެންމެ އިސް މަގާމުގައި ހުންނަ މީހާއަށް ވެސް ނުލިބޭ ކަމަށާއި، ކުންފުނީގެ ކޮންޓްރޯލް ކުޑަ މިންވަރަކަށް ވެސް ވެރިޔާ ދޫކޮށްލައްވަން ބޭނުން ނުވާކަން ކަމަށެވެ.