ރާއްޖޭގައި މާޗްމަހު ބާއްވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތާއި ވޯލްޑް ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗަކަށް މުހައްމަދު ޝަރަފް ހަމަޖައްސައި، އެސިސްޓަންޓް ކޯޗުންނަށް މުހައްމަދު ސާޖިދު (ކާއްޓޭ) އާއި އިބްރާހިމް ޝިހާމް (ސަޑިއްކެ) ހަމަޖައްސައިފިއެވެ.

ސޯޝަލް ސެންޓަރު ސެމިނާ ރޫމްގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ޓީމުގެ އޮފިޝަލުންނަށް ވަނީ ޖާޒީ ހަވާލުކޮށްފައެވެ. ޓީމުގެ އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ސްޕޯޓްސް ކައުންސިލްގެ ނައިބުރައީސް މުހައްމަދު އަނީސްއެވެ.

ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ޝަރަފްއާއި، އެސިސްޓަންޓް ކޯޗުންނަށް ހަމައްޖެއްސި ކާއްޓޭއާއި ސަޑިއްކެގެ އިތުރުން ދެން އޮފިޝަލުންގެ ތެރޭގައި ހިމެނެނީ ޓްރެއިނަރު އަބްދުﷲ ނަޝީދު (އަބުޅޯ)އާއި، މެނޭޖަރު އަލީ ލަތީފް (އައްލަ)އާއި، އަހްމަދު ނިޔާމް އަދި ނަސީމް އަލީއެވެ.

ގައުމީ ވޮލީ ޓީމުގެ އެސިސްޓަންޓް ކޯޗު ކާއްޓޭ(ވ)އަށް އަނީސް ޖާޒީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޮފިޝަލުން އިއުލާންކޮށް ޖާޒީ ހަވާލުކުރުމަށްފަހު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ޓީމުގެ އޮފިޝަލުން ހަމަޖައްސާފައިވާނީ ވަރަށް ގިނަ ގޮތްގޮތުން ބަލާފައި ކަމަށާއި އެގޮތުން 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ދޭތެރޭ ރާއްޖެއިން ވޮލީގައި ހޯދި ކާމިޔާބީއަށް ބަލާފައިވާނެ ކަމަށެވެ.

"އެންމެ ފުރަތަމަ 2010 ވަނަ އަހަރުގެ ސާފް ގޭމްސްގެ ސެމީ ފައިނަލުގައި އަޅުގަނޑުމެން ކުޅުނު. 2011 ވަނަ އަހަރު އަޅުގަނޑުމެން ސެމީ ފައިނަލުގައި ކުޅެފައިވޭ. އޭރު ޓީމުގައި ޝަރަފާއި އަބުޅޯ ހިމެނޭ. ސާފް ގޭމްސް 2010ގެ ޓީމުގައި ސަޑިއްކެއާއި އަބުޅޯ ހިމެނިފައިވޭ. 2013 ވަނަ އަހަރު އަޅުގަނޑުމެންނަށް ވަނީ ފުރަތަމަ ފަހަރަށް ވޮލީން ރާއްޖެއަށް މެޑެލްއެއް ލިބިފައި. އެ ޓީމުގައި އަބުޅޯއާއި ޝަރަފް ހިމެނިފައިވޭ. އަދި އެ ފަހަރު ޓީމުގެ މެނޭޖަރަކީ ވެސް އަލީ ލަތީފް،"

ގައުމީ ވޮލީ ޓީމުގެ މެނޭޖަރު އައްލަ(ވ)އަށް އަނީސް ޖާޒީ ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ސެންޓްރަލް ޒޯން މުބާރާތުން 2015 ވަނަ އަހަރު އަޅުގަނޑުމެން ރިހި މެޑެލްއެއް ހޯދިން. އެ ޓީމުގެ އޮފިޝަލުން ތެރޭގައި ސާޖިދު ހިމެނޭ. އެޓީމުގެ މެނޭޖަރަކަށް ހުރީ އަލީ ލަތީފް. ސެންޓްރަލް ޒޯން 2016ގައި އަޅުގަނޑުމެން ވަނީ ލޯ މެޑެލްއެއް ހޯދާފައި. އޭރު ޓީމުގެ އޮފިޝަލުންގެ ތެރޭގައި ސަޑިއްކެ ހިމެނޭ. އަދި އެ މުބާރާތުގައި ވެސް ޓީމުގެ މެނޭޖަރަކީ އަލީ ލަތީފް. މެލޭޝިއާގައި 2016 ވަނަ އަހަރު ބޭއްވި އިންވިޓޭޝަން މުބާރާތުގައި އަޅުގަނޑުމެން ވަނީ ލޯ މެޑެލްއެއް ހޯދާފައި. އެ ޓީމުގައި ސާޖިދު ހިމެނޭ. މެނޭޖަރީ އަލީ ލަތީފް،" ވީއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، މިވަގުތު ޓީމުގައި ހިމެނިފައިވަނީ ދިވެހިރާއްޖޭގައި އިންޓަނޭޝަނަލް ތަޖުރިބާހުރި ކޯޗުން ކަމަށާއި އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް މިފަހަރު ރާއްޖޭގައި ބާއްވާތީއާއެކު އެމުބާރާތުން ރިހި މެޑެލް އަދި ލޯ މެޑެލްއެއް ހޯދިފައިވުމުން އެންމެންގެ މަސައްކަތުން ރާއްޖޭގައި ތަށްޓެއް ބެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދީފައިވަނީ ސްރީލަންކާ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސިސިރާ ކުމާރާ ވެންޑަކޫންއެވެ. ނަމަވެސް ބަންގްލަދޭޝްގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށްފަހު އޭނާ އިތުރަށް ނުބެހެއްޓުމަށް ވީއޭއެމްއިން ވަނީ ނިންމައިފައެވެ.