26 Jun 2011, 12:55
އިމިގްރޭޝަން ޑިޕާޓްމަންޓާއި ހިއުމަން ރިސޯސްގެ އައިޓީ ސިސްޓަމުގައި ހުރި ލޫޕް ހޯލްތައް ހޯދައި، ގަވައިދާ ހިލާފަށް ބިދޭސީންނަށް ރާއްޖެ އެތެރެވެވޭ ގޮތް ހޯދުމަށް ސިފައިން ފަށާފައިވާ ތަހުގީގު ނިމެންދެން އެދެތަނުގެ މުވައްޒަފުން ގޭގައި މަޑުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިއަދު ވިދާޅުވީ، ސިފައިން ހިންގާ "ވަގުތީ ތަހުގީގު" ނިމެންދެން ތަހުގީގު ކުރަން ޖެހޭ ކަންތައްތައް ކުރުމަށް މިނިސްޓްރީތަކަށް އަންގާފައިވާ ކަމަށެވެ. އެގޮތުން އައިޓީ ސިސްޓަމް ފެށޭ ހިސާބަކީ ކައުންޓަރުތައް ކަމަށްވާތީ، އެތަނުގައި ސިފައިން ހިދުމަތް ދޭން ތިބޭ ގޮތަށް ހަމަޖައްސައި މުވައްޒަފުން ގޭގައި މަޑުކުރަން އެންގުމަށް މިނިސްޓްރީތަަކަށް ދަންނަވާފައިވާ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
"އައިޓީ ސިސްޓަމާ ގުޅިފައި ހުންނާނީ ކައުންޓަރުތައް. ފަންނީ ވިއުގަ ފެށޭނީ ނުވަތަ އެންޓްރީ ޕޮއިންޓަކީ ކައުންޓަރާ ހިސާބުން. އެހެންވީމާ ސިސްޓަމާ ގުޅޭ، މި ތަހުގީގާ ގުޅުން ހުރި ހުރިހާ ހިސާބެއްގައި ސިފައިން އެ ކަންތައްތައް ބަލަހައްޓަވައި، އެކަންތައްތައް ]ގަވައިދާ ހިލާފަށް ބިދޭސީން އެތެރެވުމުގެ ކަންތައްތައް[ މެދުވެރި ގޮތްތައް ހޯއްދެވުމުގެ މަސައްކަތްޕުޅުތައް ކުރައްވާނެ،" ޒުހެއިރު ވިދާޅުވި އެވެ.
ޮޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި، މުވައްޒަފުން ގޭގައި މަޑުކުރާ ގޮތަށް ހަމަޖެއްސީ އެ މުވައްޒަފުންގެ މައްޗަށް ގަވައިދާ ހިލާފަށް ކަންތައް ކުރިކަމުގެ ތުހުމަތުކުރެވޭތީ އެއް ނޫނެވެ.
"މިއީ ވަގުތީ ތަހުގީގެއް. މި ތަހުގީގު ނިމެންދެން ވެސް އެބޭފުޅުންނާ ދޭތެރޭ އެއްވެސް ކަހަލަ ކުށްވެރި ފަދަ ގޮތަކަށް އަމަލެއް ނުކުރާނެ." ޒުހެއިރު ވިދާޅުވި އެވެ. އެ މުވައްޒަފުންނަށް ގޭގައި މަޑުކުރާ ދުވަސްތަކުގެ މުސާރަ ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ސަރުކާރުން މިހާތަނަށް ބެލި ބެލުމުން އައިޓީ ސިސްޓަމްގައި ހުރި ބައެއް މައްސަލަތަކުގެ ސަބަބުން ގަވައިދާ ހިލާފަށް ބިދޭސީން އެތެރެވުމަށް މަގުފަހިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، މުވައްޒަފުންގެ އެއްވެސް ކުށެއް ނެތް ފަހަރުތައް ވެސް ހުންނާނެ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭ ކަމުގައި ޒުހެއިރު ވިދާޅުވި އެވެ.
ބިދޭސީންނާ ގުޅޭ ހިދުމަތްތައް ދެމުންދާ އިމިގްރޭޝަނާއި ހިއުމަން ރިސޯސް ކައުންޓަރުތަކުގައި ސިފައިން ތިބި ނަމަވެސް، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ މިއަދު އޮފީހަށް ނުކުމެފަ އެވެ. އެ މުވައްޒަފުން ގޭގައި މަޑުކުރަން އެ އޮފީސްތަކުން ނޯޓިސް ނެރުނު ކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނުވެ އެވެ.
އެހެންނަމަވެސް، ހަބަރު ލިގޭ ގޮތުގައި ބައެއް މުވައްޒަފުން ވަނީ ސޮއިކުރުމަށް ފަހު ގެއަށް ގޮސްފަ އެވެ. އެހެން މުވައްޒުން ތިބީ ހުސް އަތާ އެވެ.