02 Feb 2017, 19:58
ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒު މޫސާ ފުލުހެއްގެ ގައިގައި އަތްލި މަންޒަރު ނުފެންނަ ކަމަށް ދިފާއުގައި އޭނާ ހުށަހެޅި ހެކީން، ހެކި ބަސްދީފި އެވެ.
ދައުލަތުން އުފުލާފައިވާ ގައިގައި އަތްލުމުގެ ދައުވާއާ ގުޅިގެން ދިފާއުގައި ހެކިބަސްދީފައި ވަނީ ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމާއި ލީވާން އަލީ ނާސިރުގެ އިތުރުން ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލް ހަކީމެވެ.
ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ މުލިއާގެ ކައިރިން ފެނުނު އައިޑީ ނައްތާލަން ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ފުލުހެއްގެ މޭ މަތީގައި ޖަހައި ފުލުހުންނަށް ފިޔާޒު ހުރަސް އަޅާފައިވާ ކަމަށެވެ.
ހެކިބަސްދިން ވިސާމާއި ލީވާން ބުނީ އައިޖީއެމްއެޗާވީ ފަޅިން އަމީނީމަގު އިސްކަންދަރު ކޮށި ސަރަހައްދަށް ފިޔަޒާ އެކު އެ ދެ މީހުން ވެސް ދިޔަ ކަމަށާއި އެއިރު އެ ސަރަހައްދު ވަނީ ބަންދުކޮށްފައި ނޫން ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވުމަށްފަހު އެނބުރި ދިޔައިރު އެ ސަރަހައްދަށް ނުވަދެވޭނެހެން ކޯޑަންކޮށްފައިވާ ކަމަށް އެ ދެ މީހުން ބުންޏެވެ.
ވިސާމާއި ލީވާން އަދި މުރުޝިދު ވެސް ހެކިބަސް ދެމުން ބުނީ އެނބުރި ދަނިކޮށް އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން އެންގި ކަމަށެވެ. އަދި ބާރުއަޑަކުން އެހެން ގޮވާލުމުން ފަހަތަށް އެނބުރި ފިޔާޒު އެ ސަރަހައްދު ބަލައިލި ކަމަށާއި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި އެ ސަރަހައްދުގައި ފިޔާޒު މަޑުކޮށްފައި ނުވާ ކަމަށް ވެސް އެ ތިން މީހުން ބުންޏެވެ.
އެ ސަރަހައްދުން ނުކުންނަން ހިނގާފައި ދަނިކޮށް ކުއްލިއަކަށް ފުލުހުންތަކެއް އައިސް އެ ތިން މީހުންގެ ގައިގައި ހިފަހައްޓައި ހައްޔަރު ކުރި ކަމަށާއި ފިޔާޒު ހައްޔަރު ކުރުމުގެ ތެރޭގައި މުހައްމަދު ޝާހީން ނަމަކަށް ކިޔާ ފުލުހަކު ފިޔާޒުގެ ކަރުގައި ހިފި ކަމަށް ވެސް ހެކިބަސް ދެމުން ވިސާމާއި ލީވާން ބުންޏެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވަނީ ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ތިން ފުލުހެއްގެ ހެކިބަސް ނަގައިފައެވެ. ހެކިބަސްދިން ތިން ފުލުހުން ބުނެފައި ވަނީ އަމީނީމަގު މާފަންނު ސްޓޭޑިއަމް ސަރަހައްދުން ފިޔާޒު ފުލުހެއްގެ މޭމަތީގައި ޖަހައި ކޮއްޕާލި މަންޒަރު އެމީހުންނަށް ފެނުނު ކަމަށެވެ.
އެ މައްސަލައިގެ ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމަށް ބާއްވާ އަޑުއެހުމެވެ.
އެ ހާދިސާއާ ގުޅިގެން ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމާއި ލީވާންގެ މައްޗަށް ކުރި ދައުވާ ސާބިތުވެ 28،800 ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.