26 Jun 2011, 12:13
ހުޅުމާލޭ އަތިރި މަތީ ސަރަހައްދުން ބީލަމުގެ އޫސޫލުން 150 ގޯތި ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހަމަޖައްސައި އިއުލާންކޮށްފި އެވެ.
އެޗްޑީސީގެ ސީނިއާ މާކެޓިން އޮފިސާ އަހުމަދު ވާރިޝް މިއަދު ވިދާޅުވީ މިފަހަރު ގޯތި ވިއްކުމަށް ހަމަޖައްސާފައި ވަނީ ހުޅުމާލެ އިން އެއާޕޯޓަށް ދެވެން އޮންނަ މަގާ ދިމާއަށްވާ ވާފަޅީގެ އަތިރިމަތިން 36 ގޯއްޗަކާއި އަތިރިމައްޗާ ކައިރިން 114 ގޯއްޗެއް ކަމަށެވެ. އެ ގޯތިތަކުގެ ތެރެއިން އަތިރިމަތިން ވިއްކަނީ 1489 އާއި 1709 އަކަފޫޓުގެ ބިންތައް ކަމަށާއި އަތިރިމަތީ ސަރަހައްދުން ވިއްކުމަށް ހަމަޖައްސާފައި ވަނީ 1224 އާއި 1707 އަކަފޫޓުގެ ބިންތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބިންތަކުގެ ކުއްލި ދެ ގޮތަކަށް ދެއްކި ދާނެ، އެއީ އިންސްޓޯލްމަންޓްކޮށް ދައްކާ ގޮތަށާއި އެއްފަހަރުން ދައްކާ ގޮތަށް. މި ބިންތައް ވިއްކުމަށް ހަމަޖެހިފައި ވަނީ 18 އަހަރުން މަތީގެ މީހުންނަށް. އަދި އެމީހަކީ 600 އަކަފޫޓުގެ ގޯއްޗެއް އޮތް މީހެއް ކަމުގައި ވެގެން ނުވާނެ،" ވާރިޝް ވިދާޅުވި އެވެ.
އެޗްޑީސީން ބުނި ގޮތުގައި އަތިރިމަތިން ވިއްކާ ގޯތިތަކުގެ ނީލަން 1،100ރ. އިން ފެށުމަށް ހަމަޖައްސާފައިވާ އިރު އެ ބިންތައް ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ދިނުމަށް ހަމަޖައްސާފައި ވަނީ 25 ޕަސެންޓްގެ ޑައުންޕޭމަންޓެއް ދެ ފަހަރެއްގެ މަތިން ދައްކާ ގޮތަށެވެ. އަދި ބާކީ 75 ފަސެންޓް ފަސް އަހަރުން ދައްކައި ހަލާސްކުރާ ގޮތަށެވެ. މީގެއިތުރުން އަތިރިމަތީ ސަރަހައްދުން ވިއްކާ ގޯތިތަކުގެ ނީލަން އަކަފޫޓަކަށް 600ރ. އިން ފެށުމަށް ހަމަޖައްސާފައިވާ އިރު އެބިންތައް ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ދިނުމަށް ހަމަޖައްސާފައި ވަނީ 20 ޕަސެންޓްގެ ޑައުންޕޭމަންޓެއް ހަ ފަހަރެއްގެ މަތިން ދައްކާ ގޮތަށެވެ. އަދި ބާކީ އޮންނަ 80 ފަސެންޓް 10 އަހަރުން ދައްކާ ހަލާސްކުރާ ގޮތަށެވެ.
ހުޅުމާލޭގެ އަތިރިމަތީ ސަރަހައްދުން ވިއްކާ އެބިންތައް ގަތުމަށް އެދޭ ފޯމް މިއަދުން ފެށިގެން ދޫކުރަމުން ގެންދާނެ ކަމަށާއި ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަކާއި ހަމައަށް ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބިޑް ފޯމްތައް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ޖުލައި މަހުގެ ތާރީހެއްގައި ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.