ބެއިޖިން (ފެބްރުއަރީ 2): ޗައިނާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ ޒިއައޯ ޖިއަންހުއާ ހޮންކޮންގެ ހޮޓަލެއްގައި ހުއްޓައި ޗައިނާ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސްފި ކަމަށް މީޑިއާތަކުން ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ޖިންހުއާގެ އާއިލާއިން ވަނީ އޭނާ ގެއްލިފައިވާ ކަމަށް ބުނެ ފުލުުހުންނަށް ރިޕޯޓުކޮށްފަ އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އާއިލާއިން ވަނީ އެ ރިޕޯޓު އަނބުރާ ގެންގޮސްފަ އެވެ.

މިހާރު ޖިންހުއާގެ ގާތް ވިޔަފާރިވެރިއަކު ބުނާ ގޮތުގައި ހޮންކޮންގައި ޖިންހުއާ ދިރިއުޅޭ ފޯ ސީޒަންސް ހޮޓެލުގައި އޭނާ ހުއްޓާ އޭނާ ގެންދިޔައީ ޗައިނާ ފުލުހުންނެވެ. އަދި މިވަގުތު އޭނާ ހުރީ ފުލުހުންގެ ހައްޔަރުގައި ޗައިނާގައި ކަމަށް ނަން ހާމަ ނުކުރަން ބޭނުންނުވާ މީހަކާ ހަވާލާދީ ނިއު ޔޯކް ޓައިމްސްގައިވެ އެވެ.

ޖިންހުއާ އަކީ ޗައިނާގެ ރައްޔިތެއް ނަމަވެސް އޭނާގެ އަތުގައި ކެނެޑާ އާއި އެންޓިގުއާގެ ރަށްވެހިކަން އޮވެ އެވެ. އަދި ގިނަ ގައުމުތަކުގައި އިންވެސްޓުކޮށްފައިވާ ޓުމޯރޯ ގުރޫޕުގެ ވެރިޔާ ކަމަށްވާ ޖިންހުއާގެ މިލްކިއްޔާތުގައި ހަ ބިލިއަން ޑޮލަރު ހުރި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ބައެއް ރިޕޯޓުތަކުގައި ވަނީ ފުލުހުން ޖިންހުއާ ގެންދިޔުމާއި ޗައިނާއިން ކޮރަޕްޝަން ފޮހެލުމަށް ކުރަމުންދާ މަސަކަތްތަކާ ގުޅުވާފަ އެވެ. އަދި ހޮންކޮންގެ ފުލުުހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ހޮންކޮންއަކީ ޗައިނާގެ ސަރަހައްދެއް ނަމަވެސް އެއީ އަމިއްލަ ވެރިކަމެއް ހިންގުމުގެ ބާރު ދީފައިވާ ސަރަހައްދަކަށް ވުމުން ޗައިނާ ފުލުހުން ހޮންކޮންއަށް ވަދެ އަމިއްލަ އޮޕަރޭޝަންތައް ހިންގުމަކީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ހޮންކޮންއިން ވަނީ މީގެ ކުރިން ވެސް ފާހަގަކޮށްފަ އެވެ.