ރާއްޖޭގެ 200 މިލިޔަން ޑޮލަރުގެ ސޮވަރިން ބޮންޑެއް އަންނަ މާޗް މަހު ވިއްކާލެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފަދަ ބޮންޑެއް ވިއްކާއިރު އޭގެ ބޭނުމަކީ އިންޓަނޭޝަނަލް މީޑިއާއަށް ނުކުތުން ކަމަށެވެ.

ބޮންޑެއް ވިއްކާލުމުގައި އެހީތެރިވެދޭނެ މެދުވެރިއަކަށް ޖަރުމަނުގެ ޑޮއިޗް ބޭންކް ހަމަޖައްސަން ވަނީ ނިންމާފަ އެވެ. ޑޮއިޗް ބޭންކަކީ ބޭންކިންގެ ދާއިރާގައި ދުނިޔޭގެ އެންމެ މަތީ ފަންތިން ގުނާލެވޭ ބޭންކެކެވެ. އެ ބެންކާއެކު ދެން އެކަމުގައި މަސައްކަތް ކުރަނީ ސިންގަޕޫރުގެ ޑީބީއެސް ބެންކެވެ.

މިނިސްޓްރީން ބުނީ، ރާއްޖޭގެ ބޮންޑު ވިއްކާލުމުގައި ޕާޓްނަރެއްގެ ގޮތުގައި ޑޮއިޗް ބޭންކް ހަމަޖެއްސީ އެ ކުންފުނިން ދުނިޔޭގައި ހޯދާފައިވާ އިތުބާރާއި، ސޮވެރިން ބޮންޑު ވިއްކުމުގައި އެ ކުންފުނީގެ ތަޖުރިބާއަށް ބަލާފައި ކަމަށެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އެބޮންޑު ވިކުމާއެކު ރާއްޖެއަށް ޑޮލަރު ވަންނާނެ ކަމަށާއި އަމާޒަކީ މާލީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުން ކަމަށެވެ.

ޑޮއިޗް ބޭންކުން ވަނީ މިދިޔަ އަހަރު ގިނަ ގައުމުތަކެއްގެ، ފާހަގަކޮށްލެވޭ ބޮޑެތި ބޮންޑުތަކެއް ވިއްކުމުގައި އެހީތެރިވެދީފަ އެވެ. އޭގެ ތެރޭގައި ސްރީލަންކާގެ 1.5 ބިލިޔަން ޑޮލަރުގެ ބޮންޑު، ޕާކިސްތާނުގެ އެއްބިލިޔަން ޑޮލަރުގެ ސުކޫކު، ސައުދީ އަރަބިއްޔާގެ 17.5 ބިލިޔަން ޑޮލަރުގެ ޑެޓް އިޝުއަންސް އަދި އާޖެންޓީނާގެ 16.5 ބިލިޔަން ޑޮލަރުގެ ބޮންޑް އިޝުއަންސް ހިމެނެއެވެ.