02 Feb 2017, 16:25
މިއަހަރު ތެރޭ އެކި ގައުމުތަކަށް އެހީގެ ގޮތުގައި ދޭން އިންޑިއާ ސަރުކާރުން އެކުލަވާލި މިއަހަރަށް ލަފާ ކުރާ ބަޖެޓުގައި ރާއްޖެއަށް 36.3 މިލިއަން ޑޮލަރު (559.7 މިލިއަން ރުފިޔާ) ދޭން ހިމަނައިފިއެވެ.
ސަރުކާރުގެ ފަރާތުން، އެގައުމުގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިތްލޭ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދަށު ގެއަށް މިހަފްތާގެ ބުދަ ދުވަހު ހުށަހެޅުއްވި ބަޖެޓުގައި ދޭދޭ ގައުމުތަކަށް ދޭން ހަމަޖައްސާފައިވާ ބަޖެޓުގައި ޖުމްލަ 14798.55 ކްރޯރު (2.1 ބިލިއަން ރުފިޔާ) ހިމަނާފައިވެއެވެ. އެއީ މިދިޔަ އަހަރު ބަޖެޓުގައި އެކަމަށް ހިމަނާފައިހުރި މިންވަރާ އަޅާބަލާއިރު 136 ކްރޯރުގެ އިތުރު އަދަދެކެވެ.
އެ ބަޖެޓުގައި ބައެއް ގައުމުތަކަށް ދޭން ކަނޑައަޅާފައިހުރި އެހީގެ މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 14 ޕަސެންޓު ދަށްކޮށްފައިވީ ނަމަވެސް ރާއްޖެއަށް ދޭން ނިންމާފައިވާ އެހީގެ އަދަދު ވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ރާއްޖެއަށް 36.3 މިލިއަން ޑޮލަރު (559.7 މިލިއަން ރުފިޔާ) ދިނުމަށް ވަނީ ހުށަހަޅާފައެވެ.
ނަމަވެސް މި ބަޖެޓު އަދި އޮތީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައެވެ. މަޖިލީހުގައި ބަޖެޓަށް ބައެއް ބަދަލުތައް ގެންނާނެ ކަމަށް ބެލެވެއެވެ.
އިންޑިއާ އަކީ ރާއްޖޭގެ ދުވަސްވީ ރަހުމަތްތެރި ގައުމެކެވެ. އެގައުމުން ދަނީ ރާއްޖޭގެ ތަރައްގީއަށް އެކި ސިފައިގައި ބޮޑެތި އެހީތަކެއް ދެމުންނެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން ވަނީ 800 މިލިއަން އިންޑިއާ ރުޕީސް (182 މިލިއަން ރުފިޔާ) އަދި އޭގެ ކުރީ އަހަރު 550.40 މިލިއަން އިންޑިއާ ރުޕީސް (125 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ރާއްޖެ އަށް ދީފައެވެ.
އެގައުމުން ރާއްޖޭގައި ހިންގާ ބައެއް ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އައިޖީއެމްއެޗް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.