ފުލުހުންނަށް ކުރީގެ މުސާރަ މިއަދު ދޭނެ ކަމަށާއި ބޮޑުކުރި މުސާރަ ދެވޭނީ ރިވިއު ކުރުމަށް ފަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ހާދިސާތަކާ ގުޅިގެން މަގުމައްޗަށް ނުކުންނަ ފުލުހުންނަށް އިސްކަންދީގެން ފުލުހުންގެ ބައެއް އެލަވެންސްތައް ވަނީ އިތުރުކޮށްފަ އެވެ. އެ އުސޫލަށް މުސާރަ ދިނުމަށް ފިނޭންސް އަށް ފޮނުވުމުން ފުލުހުންގެ މުސާރަ ނުދީ ވަނީ ލަސްވެފަ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވީ ފުލުހުންގެ ކުރީގެ މުސާރަ ޖަމާ ކުރަން މިއަދު ފޮނުވާފައިވާ ކަމަށެވެ.

ފުލުހުންގެ ބޮޑުކުރި މުސާރަ ދޫކުރެވޭނީ ފިނޭންސް މިނިސްޓްރީގެ އުސޫލްތައް އޮންނަ ގޮތުގެ މަތިން އެފަދަ ވަޒީފާތައް އަދާކުރާ އެހެން ފަރާތްތަކުގެ މުސާރައާ އަޅާބަލައި ރިވިއު ކުރުމަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފުލުހުންނަށް މި އަހަރު ފާސްކުރި ބަޖެޓުގައި މުސާރަ އިތުރުކުރަން ފައިސާ ހިމެނި ނަމަވެސް އެކަންވާނީ ރިވިއުކުރުމަށް ފަހު އެގޮތަށް ދޭން ފެނިއްޖެ ނަމަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަސް ނިމުމުގެ ދެ ދުވަސް ކުރިން އާންމުކޮށް ފުލުހުންނަށް މުސާރަ ލިބޭ އިރު މިފަހަރުގެ މުސާރަ ނުލިބިގެން ފުލުހުންގެ ވެލްފެއާ ކުންފުނިން ވަނީ ލޯންވެސް ދޫކޮށްފަ އެވެ.