02 Feb 2017, 16:07
ލިޔުންތެރިންގެ ގުޅުމުން މިދިޔަ އަހަރު ބޭއްވި ޅެން ހެދުމުގެ މުބާރާތުގެ އެއްވަނަ ޏ. ފުވައްމުލައް، ލީކުވިލާ ފަތުހުﷲ ޞާލިހު ހޯދައިފި އެވެ.
ލިޔުންތެރިންގެ ގުޅުމުން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ މުބާރާތުގައި 2016 ވަނަ އަހަރު 40 ޅެން އެކި ފަރާތްތަކުން ހުށަހަޅާފައިވެ އެވެ. އެތަނުން އެންމެ ރަނގަޅު 10 ޅެމެއް ވަނީ ހޮވާފައެވެ.
"ޅެންވެރިޔާ 2016" ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ދީފައިވަނީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އިސްކަންދަރު ސްކޫލާ ގުޅިގެން އެ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައެވެ. އިނާމާއި ހަނދާނީ ލިޔުން ވަނަތަކަށް ހޮވުނު ފަރާތްތަކަށް ހަވާލުކޮށްދެއްވީ އެ ޖަލްސާގެ ޝަރަފުވެރި މެހެމާން މުހައްމަދު ޝާހިދު ހަލީމެވެ.
އެ މުބާރާތުގެ އެއްވަނަ ހާސިލް ކުރި ފަތުހުﷲ ވަނީ، އެ މުބާރާތުގެ 8 ވަނަ ވެސް ހޯދާފައެވެ. އެ މުބާރާތުގެ ދެވަނަ ހދ. ކުޅުދުއްފުށީ، ދުރުމި އާދަމް އިބްރާހީމް ހާސިލްކޮށްފައިވާއިރު، އޭނާ ވަނީ މުބާރާތުގެ ހަތަރު ވަނައާއި ފަސްވަނަ އަދި ހަވަނައިގެ އިތުރުން ނުވަ ވަނަ ވެސް ހާސިލްކޮށްފައެވެ.
މިދިޔަ 2016 ވަނަ އަހަރުގެ ޅެން ހެދުމުގެ މުބާރާތުގެ ތިން ވަނަ ހާސިލްކޮށްފައިވަނީ 2015 ވަނަ އަހަރުވެސް ތިން ވަނަ މަގާމު ހާސިލް ކުރި، ނ. މަނަދޫ، އަބޫބަކުރު އާދަމް އެވެ. އެ މުބާރާތުގެ 10 ވަނަ ހާސިލް ކުރީ ހދ. ނޮޅިވަރަމު، އޯކިޑް، އިލްޔާސް ޝުޖާއު އެވެ.
މިއަހަރުވެސް އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އަހަރުގެ މެދެއްހާ ތަނުގައި އެ މުބާރާތް އިއުލާނު ކުރާނެ ކަމަށް ލިޔުންތެރިންގެ ޖަމިއްޔާއިން ބުނެ އެެވެ.
ރޭގެ ޖަލްސާގައިވަނީ އިސްކަންދަރު ސްކޫލަށާއި، ނޭޝަނަލް ލައިބްރަރީ އަދި ނައިފަރު ޕަބްލިކް ލައިބްރަރީގެ އިތުރުން ތ. ވިލުފުށީގައި ހުންނަ ތަންދޮރު ލައިބްރަރީއަށް ލިޔުންތެރިންގެ ގުޅުމުން ފޮތް ހަދިޔާ ކޮށްފައެވެ. ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ފޮތްތައް ހަދިޔާ ކޮށްދެއްވީ އެ ގުޅުމުގެ ރައީސް އަބްދުއްރަޝީދު ހުސެއިން އެވެ.