ސްކޫލުތަކުގައި ތިމާވެށީގެ ހަރަކާތައް ހަރުދަނާ ކުރުމަށް ގައިޑްލައިނެއް މިއަދު އިފްތިތާހްކޮށްފި އެވެ.

އިމާދުއްދީން ސްކޫލުގައި މިއަދު ބޭއްވި އެސެމްބްލީގައި އެ ގައިޑްލައިން އިފްތިތާހްކޮށްދެއްވީ އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިގު އިބްރާހީމެވެ.

"ތިމާވެށި ކްލަބް ގައިޑްލައިން" އިފްތިތާހް ކުރުމަށް ބޭއްވި އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔާތްކޮށް ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ސްކޫލްތަކުގެ ދަރިންވަރުންވެސް ވިސްނައި މިކަމަށް ގެނެވިދާނެ ހައްލުތައް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ކިޔަވާ ކުދިންނަށް އިޝާރަތް ކުރައްވައި ވިދާޅުވީ، ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ދަރިވަރުން ވާންޖެހޭ ކަމަށެވެ. އަދި މުސްތަގުބަލުގައި އިތުރު ދާއިރާތަކާއި މެދު ވިސްނާއިރު ތިމާވެށީގެ ދާއިރާއިން ކުރިއަށް ދިއުމަށް ވިސްނުމަށް އިލްތިމާސް ކުރެއްވި އެވެ.

"ތިމާވެށި ކްލަބް ގައިޑްލައިން" ނެރުމަށް ބޭއްވި އެސެމްބްލީގައި އެންވަޔަަރަންމަންޓު މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެންވަޔަރަންމަންޓު މިނިސްޓްރީ

މިނިސްޓަރު ވިދާޅުވީ، އެ ދާއިރާއަކީ ކުރިއަށް ދާނެ ގިނަގުނަ ފުރުސަތު ތަކެއް ހުޅުވިފައިވާ ދާއިރާއެއް ކަމަށާއި، އެންވަޔަރަންމަންޓަލިސްޓަކަށް ވުމަށް ވަކި މާއްދާއެއް ނުވަތަ ވަކި ރޮނގަކުން ކިޔަވަން ނުޖެހޭ ކަމަށެވެ. އެކަމަށް މިސާލު ނަންގަވަމުން މިނިސްޓަރު ވިދާޅުވީ، އެންވަޔަރަންމަންޓު މިނިސްޓްރީގައި ތަފާތު ފަންނުގެ ތަފާތު ދާއިރާތަކުން ކިޔަވައި ތަމްރީނު ވެފައިވާ ފަރާތްތައް މަސައްކަތް ކުރާ ކަމަށެވެ.

ތިމާވެއްޓާބެހޭ ގައިޑްލައިން އިފްތިތާހް ކުރުމަށް ބޭއްވި އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވީ، އެ ގައިޑްލައިންގެ ސަބަބުން ސްކޫލުތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ސްކޫލު ފެންވަރުގައި ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

އެ އެސެމްބްލީގައި މާލޭގެ އެކި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވެފައިވާ އިރު، ކޮންމެ ސްކޫލަކަށްވެސް ގައިޑްލައިން ވަނީ ހަވާލުކޮށްފައެވެ.