02 Feb 2017, 13:54
ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގައި ދައުލަތުން މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
މިއަދު 11:00 އަށް ޖިނާއީ ކޯޓުގައި ތާވަލް ކުރި އެ މައްސަލައިގެ ދައުވާ ލިބޭ ފަރާތަކީ މ. މެރީލޮޖް އަހުމަދު ނާއިޒް އެވެ. އޭނާގެ މައްޗަށް އުފުލާފައިވާ އެ ދައުވާގެ ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުންނެވެ.
ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވި ކަމަށް ބުނެ ނާއިޒްގެ މައްޗަށް ދައުވާ ކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުވާ ކުރަނީ ކޮން ގައުމެއްގައި ހިނގާ ކޮން ހަނގުރާމައެއްގައި ކަމެއް ސާފު ނުވެ އެވެ.
ރާއްޖެ އިން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ފަހަކަށް އައިސް ދިވެހިން ދާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ސީރިއާ ހަނގުރާމައަށް ދިޔަ ބައެއް ދިވެހިން މިހާރު ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ.
މީގެ ކުރިން ވެސް ބޭރަށް ހަނގުރާމަކުރަން ދިޔަ ބައެއްގެ މައްޗަށް ދައުވާކުރަން ކޯޓުގައި އެދިފައިވެ އެވެ. އެ މައްސަލަ ދަނީ ކޯޓުގައި ހިނގަމުންނެވެ.
ހަނގުރާމަ އަށް ދިޔަ ކަމަށް ބުނެ ކުރިން ދައުވާ ކޮށްފައި ވަނީ ސީރިއާ އަށް ގޮސް އުޅެނިކޮށް ހައްޔަރުކޮށްގެން ރާއްޖެ ގެނައި ތިން މީހަކާއި ޕާކިސްތާނުގައި މީގެ އަހަރުތަކެއް ކުރިން ހަނގުރާމަ ކުރަން އުޅުނު މީހެއްގެ މައްޗަށެވެ.