02 Feb 2017, 12:58
އިނގިރޭސި ޕްރިމިއާ ލީގުގައި ހަލް ސިޓީން މެންޗެސްޓާ ޔުނައިޓެޑް ހިފެހެއްޓިއިރު، ވެސްޓް ހާމް އަތުން ފަސޭހަކަމާއެކު މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.
ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑާއި ހަލް ސިޓީ ކުޅުނު މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅު ޔުނައިޓެޑްގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައިރު، ހާފު ނިމެނިކޮށް ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ހަލް ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން --- ފޮޓޯ/ އޭޕީ
މެޗުގެ ދެވަނަ ހާފުގައި ވެސް ޔުނައިޓެޑަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެޓީމުގެ އިނގިރޭސި ފޯވަޑް ވޭން ރޫނީއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. މެޗު ނިމެނިކޮށް ހަލްއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ލަޒަރް މާކޮވިޗް ފޮނުވާލި ހަމަލާ، ޔުނައިޓެޑުގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
ރަށުން ބޭރުގައި ރޭ ވެސްޓް ހާމްއާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ ފަސޭހަކަމާއެކު 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓް ހާމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ
މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ތިން ލަނޑުގެ ލީޑެއް ހޯދިއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ކެވިން ޑިބްރޭނާ ސިޓީއަށް ލީޑު ހޯދައިދިންއިރު، މެޗުގެ 21 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ ވަނީ ސިޓީއަށް ލީޑު ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖީސަސްއެވެ.
މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް ސިޓީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ 67 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޔާޔާ ޓޫރޭއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ވެސްޓް ހާމް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ސިޓީ މޮޅުވީ 4-0 ލަނޑުން --- ފޮޓޯ/ އޭޕީ
އެ މެޗުން މޮޅުވެ، ސިޓީން ވަނީ ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ލިވަޕޫލްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައެވެ. ލިވަޕޫލް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. ފަސްވަނައިގައި އޮތް ސިޓީއާއި ހަވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު މިހާރު ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.