02 Feb 2017, 13:01
ފިރިހެން ޑިވިޝަނާއެކު މިމަހުގެ ނުވަވަނަ ދުވަހު އިންޓަ އޮފީސް ނެޓްބޯލް މުބާރާތް ފެށުމަށް ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރު ބޭރު ކޯޓުގައި ކުރިއަށްގެންދާ އެ މުބާރާތުގެ އަންހެން ޑިވިޝަންގައި 12 ޓީމެއް ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޝަނުގައި ހަތަރު ޓީމެއް ބައިވެރިވިއެވެ.
އެ މުބާރާތުގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައިވާ ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލައިފައެވެ. ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ސިމްޑި ގްރޫޕް އަދި އާސަންދައެވެ. ގްރޫޕް ބީގައި ހިމެނެނީ މީޑިއާނެޓާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ދިރާގާއި، މޯލްޑިވްސް ޕޮލިސް ސާވިސްއާއި، އުރީދޫ އަދި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ބައިވެރިވެފައިވާ ހަތަރު ޓީމަކީ އާސަންދައާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް އިންލެންޑް ރިވެނިއު އޮތޯރިޓީ (މީރާ) އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދަތުރުކުރާއިރު، ދެވަނަ އަދި ތިންވަނަ ހޯދާ ޓީމު ސެމީގައި ވާދަކުރާނެއެވެ. އަދި ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.
އަންހެން ޑިވިޝަންގެ ގްރޫޕް ސްޓޭޖް މެޗުތަކަށްފަހު ކޮންމެ ގްރޫޕަކުން ވެސް ގަދަ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާނެއެވެ. ކުއާޓާގެ މެޗުތަކުން މޮޅުވާ ޓީމުތަކަށް ސެމީ ފައިނަލުގެ ޖާގައެއް ލިބޭއިރު، ސެމީގެ މެޗުތަކުން މޮޅުވާ ދެ ޓީމަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ.