އުރީދޫގެ ބިޒްނަސް ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް އަވަހަށް ހައްލުކުރުމަށް، އިންޖީނިއަރުންނާ ގުޅޭނެ ގޮތް ހަދައި ސަޕޯޓު ސެންޓަރެއް ތައާރަފް ކޮށްފި އެވެ.

އެންޓަޕްރައިސް ސަޕޯޓު ސެންޓަރެއް އުރީދޫއިން ތައާރަފްކޮށްފައިވާ އިރު، ކަސްޓަމަރުން މައްސަލައެއް ކުރިމަތިވެގެން ރިޕޯޓު ކުރުމުގެ ކުރިން އެ މައްސަލައެއް އުޅޭކަން އުރީދޫ އިން ދެނެގަނެ ކަސްޓަމަރުންނަށް އަންގާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ހުޅުމާލޭގެ އެޗްޑީސީ ބިލްޑިންގައި ގާއިމްކޮށްފައިވާ އެ ސެންޓަރު މިއަދު މީޑިއާއަށް ދައްކާލާފައިވާ އިރު، މީޑިއާ އަށް މައުލޫމާތު ދެއްވަމުން އުރީދޫގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ، އެ ސަޕޯޓު ސެންޓަރުގެ ސަބަބުން ކޯޕަރޭޓް ކަސްޓަމަރުންނަށް ދިމާވާ މައްސަލަތައް ވަރަށް އަވަހަށް ހައްލު ކުރެވިގެން ދާނެ ކަމަށެވެ.

އެންޓަޕްރައިސް ސަޕޯޓް ސެންޓަރާ ބެހޭ ގޮތުން ނިޔާޒު މީޑިއާ އަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެ ސަޕޯޓު ސެންޓަރުގައި ހުންނަ ސްކްރީންތަކުން، ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތަކުގެ ރިއަލް ޓައިމް ޑޭޓާ ފެނިގެންދާ އިރު، މައްސަލައެއް އުޅޭ ކަމުގައިވާ ނަމަ އެތަނުގައި ތިބޭ އިންޖިނީރުން ދެނެގަންނާނެ އެވެ. އެންޓަޕްރައިސް ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތްތައް މޮނިޓާ ކުރުމުގައި 15 ސްޓާފުން ހަރަކާތްތެެރިވާނެ އެވެ. އަދި އެ ސަޕޯޓު ސެންޓަރުން ހަފްތާގެ ހަތް ދުވަހު 24 ގަޑިއިރު ހިދުމަތްދޭނެ ސަޕޯޓް ހޮޓްލައިނެއް ގާއިމްކޮށްފައިވެ އެވެ.

މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ، ކަސްޓަމަރުންނަށް ހިދުމަތް ބޭނުން ކުރަމުންދާ މިންވަރު ސްކްރީނު ތަކުން ފެންނަ އިރު، ހިދުމަތް ދަށްވެއްޖެ ނަމަވެސް އެނގޭނެ ކަމަށެވެ. އޭގެ އިތުރުން އޮފީސްތަކުގައި ގާއިމްކޮށްފައިވާ އިންޓާނަލް ނެޓްވޯކުތަކަށް މައްސަލަ ދިމާވި ނަމަވެސް އެނގޭނެ އެވެ.

ސަތޭކައެއްހާ އެންޓަޕްރައިސް ކަސްޓަމަރުން އުރީދޫއިން ހިދުމަތް ހޯދާއިރު، އެވްރެޖްކޮށް ދުވާލަކަށް ފަސް ވަރަކަށް މައްސަލަ ހުށަހެޅޭ ކަމަށް އުރީދޫއިން ބުނެ އެވެ. އަދި ހުށަހަޅާ މައްސަލަތައް ގިނަވެގެން 20 ވަަރަކަށް މިނިޓް ތެރޭގައި ހައްލު ކުރެވޭނެ ކަމަށްވެސް އުރީދޫގެ އެންޓަޕްރައިސް ސަޕޯޓު ސެންޓަރުން ބުނެ އެވެ.

އުރީދޫއިން ބުނީ، ދިމާވާ ގިނަ މައްސަލަތައް ރިމޯޓުކޮށް ހައްލު ކުރެވިގެން ދާނެ ކަމަށެވެ. އަދި އެ މައްސަލައެއް ދިމާވި ތަނަކަށް ގޮސްގެން ހައްލު ކުރެވޭ މައްސަލައެއް ދިމާވެއްޖެ ނަމަ، ފީލްޑުގައި މަސައްކަތް ކުރާ މުވައްޒަފުން މެދުވެރިކޮށް ބޭނުންވެފައިވާ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އެންޓަޕްރައިސް ސަޕޯޓު ސެންޓަރު ހުޅުމާލޭގައި ހުންނަ އިރު، ސަޕޯޓު ޓީމްތައް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ހަރަކާތްތެރިވާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫއަށް އިންޓަނެޓް ލަައިސަންސް ލިބުނުތާ ދޮޅު އަހަރުވެފައިވާއިރު، އެކުންފުނިން ވަނީ އިންޓަނެޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ސަބްމެރިން ކޭބަލް އަޅާފަ އެވެ. އުރީދޫ އިން ބުނީ ކަސްޓަމަރުން ކުރާ ހަރަދުތަކާ އެކަށޭވަ ކުރިއެރުމެއް ހޯދައިދިނުމަށް އެންމެ ފަހުގެ ޒަމާނީ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އެގޮތުން ފިކްސްޑް އިންޓަނެޓާއި، ފިކްސްޑް ވޮއިސް، ޖީޕޮން، ވައިފައި، އައިޕީޓީވީ، ޕީބީއެކްސް އަދި ސީސީޓީވީީ ފަދަ ކަސްޓަމަރުންގެ ބޭބުންތަކާ އެއްގޮތަށް ފަރުމާ ކުރެވިފައިވާ ފަހުގެ ޒަމާނީ އުފެއްދުންތައް ހިމެނޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.