އެމެރިކާގައި އެމިޝަންސް ޓެސްޓުތަކުގައި މަކަރުހެދި ކަމަށް އިއުތިރާފުވެ، ބޮޑު ޖޫރިމަނާއެއް ދެއްކުމަށް އެއްބަސްވެފައިވާ ޖަރުމަނުގެ ކާރު އުފައްދާ ކުންފުނިފޯލކްކްސްވާގެންއިން އެމެރިކާގައި ވިއްކި ހުރިހާ ކާރެއް އެކުންފުންޏަށް އަނބުރާ ގަންނަން ޖެހިދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.

އެމިޝަން ޓެސްޓުތަކުގައި މަކަރުހެދި މައްސަލައިގައި، ޖަރުމަނުގެ ކާރު އުފައްދާ ކުންފުނި ފޯލްކްސްވާގެން އެމެރިކާގައި 4.3 ބިލިޔަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވެއެވެ. ޖޫރިމަނާ ދެއްކުމަށް ފޯލްކްސްވާގެންއިން އެއްބަސްވެފައިވާ އިރު، އެކުންފުނިން މިހާރު ވަނީ، މައްސަލަ ޖެހުނު 78،000 ކާރު މަރާމާތު ކުރުމަށް، ނުވަތަ އަނބުރާ ކުންފުންޏަށް ގަތުމަށް 1.2 ބިލިޔަން ޑޮލަރު ހޭދަކުރުމަށް ނިންމައިފައެވެ.

ނަމަވެސް، މިހާތަނަށް ވިއްކާފައި ހުރި ހުރިހާ ކާރެއް ވެސް އަނބުރާ ގަތުމަށް ފޯލްކްސްވާގެންއަށް ޖެހިދާނެއެވެ. އެފަދަ ހާލަތެއްގައި އެކުންފުނިން ހަތަރު ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ހޭދަކުރަން ޖެހޭނެއެވެ.

މި މައްސަައިގެ ތެރެއަށް، ފޯލްކްސްވާގެން ކުންފުނީގެ ކާރުތަކަށް ކާރު ކޮމްޕޯނެންޓްސް ސަޕްލައިކޮށްދޭ، ޖަރުމަނުގެ ކޮމްޕޯނެންޓް ސަޕްލަޔަރު ރޮބާޓް ބޯޝް ކުންފުނިވެސް މިހާރު ވަނީ ވަދެފައެވެ.

އެމިޝަންސް މައްސަލައިގައި ހިމެނޭ ކާރުތައް ގަނެފައިވާ އެމެރިކާ މީހުންނަށް ބޯޝް ކުންފުނިން ވަނީ 327.5 މިލިޔަން ޑޮލަރު ދިނުމަށް ނިންމާފައެވެ.

ފޯލްކްސްވާގެންގެ ކާރުތަކުން ވައިގެ ތެރެއަށް ދޫކުރާ ގޭސް ނުވަތަ އެމިޝަންސްގެ ޓެސްޓު އެމެރިކާގައި ކުރި އިރު، ގޭހުގެ މިންވަރު ހުރީ ހުންނަން ޖެހޭ ވަރަށް ވުރެ މަތީގައެވެ. ނަމަވެސް ކާރުން އެ މިންވަރު ދައްކަނީ އޮޅުވާލައިގެންނެވެ. ޓެސްޓު ކުރާ ވަގުތު، އެ ނަތީޖާތައް އޮޅުވާލާ ސޮފްޓްވެއާއެއް ކާރުގައި ހުންނަކަން މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާއިން ވަނީ ފަޅާ އަރުވާލައިފައެވެ.

މި މައްސަލައިގައި، އެމެރިކާއިން ވަނީ ފޯލްކްސްވާގެން ކުންފުނި ޖޫރިމަނާކޮށްފައެވެ. އެގޮތުން، ޖިނާޢީ ކުށަކަށް އަރައިގަތުމުގެ ޖޫރިމަނާގެ ގޮތުގައި 2.8 ބިލިޔަން ޑޮލަރު، އަދި 1.5 ބިލިޔަން ޑޮލަރުގެ މަދަނީ ޖޫރިމަނާއާ އެކު ޖުމްލަ 4.3 ބިލިޔަން ޑޮލަރު ދެއްކުމަށް އެމެރިކާއިން ވަނީ އަންގައިފައެވެ.

އެމިޝަންސްގެ މައްސަލަ ފެންމަތިވުމާ އެކު، ފޯލްކްސްވާގެންއިން ވަނީ، ޖޫރިމަނާކުރުން ފަދަ ކަންކަން ކުރިމަތިވާނެކަން އެނގި، އެކަންކަމަށް ޚަރަދުކުރުމަށް 19.2 ބިލިޔަން ޑޮލަރު ރައްކާވެސް ކޮށްފައެވެ. ނަމަވެސް އެމެރިކާގައި އެކުންފުނީގެ ކާރު ގަނެފައިވާ މީހުންނަށް ގެއްލުމުގެ ބަދަލު ދިނުމަށާއި، ތިމާވެށީގެ އިދާރާތަކަށް ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި 15 ބިލިޔަން ޑޮލަރު މިހާރުވެސް ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން، މިއަދު ކުރެވުނު 4.3 ބިލިޔަން ޑޮލަރުގެ ޖޫރިމަނާ ދެއްކުމުން، އެކުންފުނިން އެކަމަށް ރައްކާކޮށްފައި ހުރި ފައިސާއަށް ވުރެ ވެސް އިތުރަށް ޚަރަދު ކުރެވުނީއެވެ.

ބައެއް ކާރު އަނބުރާ ގަންނަން ޖެހޭ ކަމަށް މިހާރު ބެލެވޭ އިރު، ކުރިޔަށް ވުރެ ޚަރަދުތައް އަނެއްކާވެސް އިތުރުވީއެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި، ފޯލްކްސްވާގެން ކުންފުނިން މި އަމަލު ހިންގީ، އެކުންފުނީގެ ބައެއް އިސްވެރިންނަށް އެނގިގެންނެވެ. އެގޮތުން، ހަ މީހަކު ދެނެގަނެފައިވާ އިރު، އޭގެ ތެރެއިން އެކަކު ވަނީ މި ހަފްތާގައި ހައްޔަރުކޮށްފައެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް ފެޑަރަލް ޖަސްޓިސްއިން ތަހުގީގުކުރާ މި މައްސަލައަށް އެއްބާރުލުން ދިނުމަށް ފޯލްކްސްވާގެންއިން ވަނީ އެއްބަސްވެފައެވެ.