އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުގަޑީގެ ގޮތުގައި، އުސޫލުގެ ބޭރުން ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ ހެލްތު މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އައިޖީއެމްއެޗް ބައެއް މުވައްޒަފުން 10 ގަޑިއިރުން ފެށިގެން 32 ގަޑިއިރާ ދެމެދު މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައިވާކަމަށް ހާޒިރީން ފެންނަ ކަމަށެވެ.

"ދެހާސް ސާދަ ވަނަ އަހަރު 50000 ރުފިޔާއަށް ވުރެ ގިނައިން އިތުރު ގަޑީގެ އެލަވަންސްގެ ގޮތުގައި 94 މުވައްޒަފަކަށް ޖުމުލަ 3،901،360 ރުފިޔާ ދީފައިވާ އިރު، އެމުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދީފައި ވަނީ ސައްހަ ރިކޯޑްތަކެއްގެ މައްޗަށް ބިނާކުރެވިގެން ތައްޔާރުކުރެވޭ ހިސާބުތަކަށް ބަލައިގެން ނޫންކަން ފާހަގަކުރަމެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

ހަމަ އެއަހަރު އައިޖީއެމްއެޗުން އިތުރުގަޑީގެ މަސައްކަތް ބަރާބަރަށް ބަލަހައްޓާފައިނުވާ އިރު 198345 ރުފިޔާ ހޭދަކޮށްފައިވާކަމަށް ރިޕޯޓް ބުނެ އެވެ.

އޮޑިޓް އޮފީހުން ބުނީ މުވައްޒަފުންގެ އިތުރުގަޑި އެ ހޮސްޕިޓަލުން ބަލާފައި ވަނީ ކާޑު ސައިންއިން ކުރާ ވަގުތުން ފެށިގެން ރަސްމީ ގަޑި ނިމިގެން ހޭދަވާ ކޮންމެ މިނިޓެއް ވެސް އިތުރު ގަޑީގެ ގޮތުގައި ހިމެނޭ ގޮތަށް ކަމަށެވެ. ނަމަވެސް އެއީ އިތުރު ގަޑީގެ ގޮތުގައި މަސައްކަތްކުރި ވަގުތުކަން ކަށަވަރު ނުކުރެވޭ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

"ބައެއް މުވައްޒަފުންގެ ރަސްމީ ގަޑި ފެށުމުގެ ކުރިން ސައިން އިން ވުމަށް ފަހު ހޭދަވާ މަދު ވަގުތުކޮޅު ވެސް އިތުރު ގަޑީގެ ހިސާބުގެ ތެރޭގައި ހިމަނައި އެގަޑިތަކަށް ފައިސާ ދީފައިވާކަން ފާހަގަވޭ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން ހދ. ނޮޅިވަރަމް ސިއްހީ މަރުކަޒުގެ މުވައްޒަފުން އިތުރު ގަޑީގެ ގޮތުގައި 552627 ހަރަދުކޮށްފައިވާ އިރު އެކަން ކޮށްފައި ވަނީ ވެސް ހުއްދަ ލިބިގެންކަން އެނގޭކަށް ނެތެވެ.

އިސްވެ ފާހަގަ ކުރި މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ ލަފާގައި ބުނެފައި ވަނީ އިތުރު ގަޑީގައި ކުރާ މަސައްކަތަކީ ރަސްމީ ގަޑީގައި ނުނިމޭ މަސައްކަތަށް ވާންޖެހޭނެ ކަމަށާއި އަދި އެއީ އިދާރާއެއްގެ ވެރިން ހުއްދަ ލިބިގެން ކުރާ މަސައްކަތަކަށް ވާންޖެހޭނެ ކަމަށެވެ.

އޮޑިޓް ރިޕޯޓާ ގުޅިގެން އައިޖީއެެމްއެޗުގެ ކޮމެންޓެއް ހޯދުމަށް ގުޅި އިރު ފޯނު ނުނަގާތީ އެ ފަރާތުގެ ކޮމެންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.