02 Feb 2017, 12:21
ރާއްޖޭގެ ތިމާވެށީގެ ހާލަތު ދެނެގަތުމަށް ޓަކައި އެންވަރަމަންޓް މިނިސްޓްރީ އިން ތައްޔާރުކުރި "ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް" ރިޕޯޓް މިނިސްޓަރު ތޯރިގު އިބްރާހީމް ނެރެދެއްވައިފި އެވެ.
އެންވަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ހަފުލާއެއްގައި ނެރުނު ރިޕޯޓްގައި ރާއްޖޭގެ ވައިގެ ކޮލިޓީ އާއި ރަށްރަށުގެ ފެންފަށަލަ އާއި ދިރޭތަކެތީގެ ނަސްލުތަކާއި ކުނީގެ ޙާލަތު އޮތް ގޮތާއި ހަކަތައިގެ ޙާލަތު އޮތް ގޮތާއި ހޭޅިފަށާއި ގޮނޑުދޮށްތަކުގެ ޙާލަތު މިހާރު އޮތްގޮތުގެ މައްޗަށް ބަލާލާފައިވާނެ ކަމަށް އެ މިނިސްޓްރީން އިން ބުންޏެވެ.
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް، 1994 ވަނަ އަހަރާއި 2001 ވަނަ އަހަރާއި 2002 ވަނަ އަހަރާއި 2004 ވަނަ އަހަރާއި އަދި 2011 ވަނަ އަހަރު ވެސް އެ މިނިސްޓްރީ އިން ވަނީ ނެރެފަ އެވެ.
އެ ހަފުލާގައި އެންވަރަމަންޓް މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ވަށައިގެންވާ ގުދުރަތީ މާހައުލު ނުވަތަ ތިމާވެއްޓަށް ވަރަށް ބޮޑަށް ބަރޯސާވާ ޖަޒީރާ ގައުމެއް ކަމަށާއި އަޅުގަނޑުމެންގެ އިގްތިސާދާއި އިޖްތިމާއީ ދުޅަހެޔޮ ކަމުގެ އިތުރުން އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ ވައްޓަފާޅި ބިނާވެފައި މިވަނީ އަޅުގަނޑުމެންގެ ތިމާވެށިގެ މައްޗަށް ކަމަށެވެ.
"ގައުމުގެ ތަރައްގީގައި ތިމާވެށި އަދާކުރާ މުހިންމު ދައުރު، އަޅުގަނޑުމެންގެ މި ސަރުކާރުން ވަރަށް ބޮޑަށް ބަލައިގަނެ އެކަމުގެ އަގު ވަޒަން ކުރޭ. އަދި ސަރުކާރުން ދަނީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކު ރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ތިމާވެއްޓާ ގުޅުން ހުރި ހަރުދަނާ ސިޔާސަތުތައް އެކުލަވާލާ ތަންފީޒުކުރުމަށް ޓަކައި ރާއްޖޭގެ ތިމާވެށީގެ ހާލަތު އެނގިގެންދާނެ، އިތުބާރުކުރެވޭ އަދި ފެންވަރު ރަނގަޅު މައުލޫމާތު ހޯދައި އެއްކުރުމަކީ ވަރަށް ބޭނުންތެރި އަދި އެހާމެ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފަންނީ ގާބިލްކަމާއި އިންސާނީ ވަސީލަތްތައް ފަހިކުރުމާ އެކު، ތިމާވެށީގެ ހާލަތު ރިޕޯޓްކުރެވޭނެ ގޮތްތައް ހަރުދަނާކުރުމަށް ޓަކައި މިއަދު ސަރުކާރުން އަންނަނީ އެޅެން ހުރި ހުރިހާ މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.
"މިގޮތަށް އަމަލުކުރުމަކީ އަޅުގަނޑުމެންގެ ތެރޭގައި ތަންފީޒުކުރެވޭ ސިޔާސަތަކީ ސައިންސް ނުވަތަ އިލްމީ ދިރާސާތަކަށް ބަރޯސާވެގެން ނިންމޭ ނިންމުންތަކެއްކަން ކަށަވަރުކުރުމުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރަކަށްވެގެންދާނެ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު ނެރުނު ރިޕޯޓަކީ ތިމާވެށިގެ ދާއިރާއި ގުޅުންހުރި އެންމެ ފަހުގެ އެންމެ ތާޒާ މައުލޫމާތު ނުވަތަ ތިމާވެއްޓަށް މިއަދު އަންނަމުންދާ އެކި ބަދަލުތަކާއި ހާލަތްތައް އެންމެ ރަނގަޅަށް އަންގައިދޭނެ ރިޕޯޓެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.