ވޮޝިންޓަން(ފެބްރުއަރީ 2): ޔަމަނުގައި އަލްގައިދާގެ މެމްބަރުން ދިރިއުޅޭ ސަރަހައްދަކަށް އެމެރިކާ އަސްކަރިއްޔާއިން އާދިއްތަ ދުވަހު ދިން ހަމަލާއެއްގައި އާއްމުން މަރުވި ކަމަށް ބެލެވޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ޔޫއެސް ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައިވާ ގޮތުން އަސްކަރިއްޔާއިން ދިން ހަމަލާގައި މަރުވި އާއްމުންގެ ތެރޭގައި ކުޑަކުދިން ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.

ޔަމަނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުގެ ބައިދާ ޕްރޮވިންސަށް އެމެރިކާއިން ދިން ހަމަލާތަކުގައި 16 އާއްމުން މަރުވި އެވެ. އޭގެ ތެރޭގައި އަލް ގައިދާގެ ހަނގުރާމަވެރިއެއް ކަމަށްވާ އަންވަރު އަލް އައުލާކީގެ އަށް އަހަރުގެ އަންހެން ދަރިފުޅު ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އާދިއްތަ ދުވަހު ދިން ހަމަލާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިރުޝާދުގެ ދަށުން ދިން ފުރަތަމަ ހަމަލާ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން މީގެ ކުރިން ބުނި ގޮތުގައި ޔަމަނަށް ދިން އެހަމަލާގައި އެމެރިކާގެ ސިފައިންގެ މީހަކު މަރުވެ، އިތުރު ތިން ސިފައިންނަށް އަނިޔާވި އެވެ.

އަދި އަސްކަރިއްޔާ އާއި އަލްގައިދާގެ ލީޑަރުންނާ ދެމެދު 45 މިނިޓު ވަންދެން ކުރިއަށް ދިޔަ ހަމަލާ ބަދަލުކުރުމުގައި 14 ހަނގުރާމަވެރިން މަރުވި ކަމަށް އަސްކަރިއްޔާއިން ބުންޏެވެ. ނަމަވެސް އެ ހަމަލާގައި އާއްމުން މަރުވި ކަމަށް އެމެރިކާއިން ބުނެފައި ވަނީ އިއްޔެ އެވެ.

ޔަމަނުގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ބޭނުން ހިފައިގެން އަލް ގައިދާއިން ވަނީ އެގައުމުގެ ދެކުނާއި އިރު ދެކުނުގައި އެޖަމާއަތުގެ ބާރުގަދަ ކޮށްފައެވެ.

ޔަމަނުގައި އޮތް، ބައިނަލްއަގުވާމީ ދުނިޔެއިން ގަބޫލު ކުރާ އަބްދުއްރައްބު މަންސޫރު ހާދީގެ ސަރުކާރާއި ހޫޘީންނާ ދެމެދު ކުރަމުންދާ ހަނގުރާމައަށް މިހާރު ދެ އަހަރުވެއްޖެ އެވެ. (ބީބީސީ)