26 Jun 2011, 11:33
ހިއުމަން ރިސޯސް މިނިސްޓްރީ އާއި އިމިގްރޭޝަން ޑިޕާޓްމަންޓްގެ ކައުންޓަރުތަކުގައި މިއަދު ސިފައިން ހިދުމަތް ދޭން ފަށައިފި އެވެ.
ހިއުމަން ރިސޯސް މިނިސްޓްރީގެ ލޭބާ ސެކްޝަންތަކާއި އިމިގްރޭޝަންގެ އައިޓީ ސެކްޝަނާއި އަދި އެއާޕޯޓް ކައުންޓަރުތަކުގައި މިއަދު ހެނދުނުންސުރެ ހިދުމަތް ދެމުން ދަނީ ޔުނިފޯމް އެޅި ސިފައިންނެވެ. އިމިގްރޭޝަންގެ ޕާސްޕޯޓް ސެކްޝަނުން ހިދުމަތް ދެނީ އަދިވެސް އެތަނުގެ މުވައްޒަފުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިން ހިދުމަތް ދޭން ފެށުމުން އެ ކައުންޓަރުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ތިބީ "ހުސް އަތާ" އެވެ. އަދި ބައެއް މުވައްޒަފުން ސޮއިކުރުމަށް ފަހު ގެއަށް ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހުކުރު ދުވަހު ދެއްވި ރޭޑިއޯ ހިތާބުގައި ވިދާޅުވެފައި ވަނީ، އިމިގްރޭޝަނާއި ހިއުމަން ރިސޯސްގެ އައިޓީ ސިސްޓަމް ބެލެހެއްޓުން ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ދެ އިދާރާގެ މުވައްޒަފުންގެ ބަދަލުގައި ހިދުމަތް ދޭނީ ސިފައިން ކަމެއް ރައީސް ކުރިން ވިދާޅުވެފައެއް ނުވެ އެވެ.
ރާއްޖެ އެތެރެވެފައިވާ ބިދޭސީންގެ އަދަދު ގިނަވެ، ގަވައިދާ ހިލާފަށް އުޅޭ ބިދެސީންގެ މައްސަލަތައް ދިމާވެފައިވަނީ އެމީހުންގެ ކަންކަން "އެކަށީގެންވާ ގޮތެއްގައި ބެލިފައި ނުވާތީ" ކަމަށާއި "ބޭރުމީހުން ރާއްޖެ އައުމާއި، ރާއްޖޭގައި މަސައްކަތް ކުރުމާއި، ދިރިއުޅުމާ ބެހޭގޮތުން ހަރުދަނާ ނިޒާމެއް ގާއިމް ކުރެވިފައި ނެތުމުން" ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ބިދޭސީންގެ މައުލޫމާތު ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގައި، ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެހެންކަމުން އިމިގްރޭޝަނާއި ހިއުމަން ރިސޯސްގެ އައިޓީ ސިސްޓަމް ސިފައިންނާ ހަވާލުކުރުމުގެ އިތުރަށް އެދެ މުއައްސަސާ ތެރެއިން ގަވައިދާ ހިލާފަށް ކަމެއް ހިންގާފައިވޭތޯ ބެލުމަށް ފުލުހުންނަށް ސަރުކާރުން ހުށަޅުމާ ގުޅިގެން، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އެބަދެ އެވެ.